ކ. ތުލުސްދޫގައި އަލަށް އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ހޮސްޕިޓަލުގެ އެކޮމޮޑޭޝަން ބްލޮކުގެ ފުޓިން މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މައި އިމާރާތުގެ ގްރައުންޑް ފްލޯގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތުގެ 75 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ.
މި މަޝްރޫއަކީ ތުލުސްދޫގެ ސިއްހީ ހިދުމަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއަކަށްވާއިރު، މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހުއެވެ. ޖުމްލަ 110.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 600 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫއުގެ ދަށުން ތުލުސްދޫގައި 30 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް ގާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި 1،729 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238 އަކަފޫޓުގެ ސާވިސް ބްލޮކެއްގެ އިތުރުން 167 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް ހިމެނެއެވެ.
އާބާދީގައި 1،600 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ތުލުސްދޫގައި މިހާރު ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒަކުންނެވެ. އެމްޓީސީސީން ވަނީ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުން ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް އިތުބާރު ހުރި ސިއްހީ ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެކަމަށާއި، މިއީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތުލުސްދޫ އިތުރަށް ޕްރޮމޯޓްކުރުމަށްވެސް ލިބިގެންދާނެ ބޮޑު ބާރެއްކަމުގައި ބުނެފައެވެ.
ތުލުސްދޫ ހޮސްޕިޓަލުގެ މަޝްރޫއަކީ ރާއްޖޭގެ 10 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ 758 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތެވެ. މި މަޝްރޫއުތައް ހިންގުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ތިން ކުންފުންޏެއް ކަމަށްވާ އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.
މީގެ ތެރެއިން އެމްޓީސީސީއާ ވަނީ ތުލުސްދޫގެ އިތުރުން ށ. މިލަންދޫ، އއ. ރަސްދޫ އަދި ގއ. ވިލިނގިލީގައި އާ ހޮސްޕިޓަލް އިމާރާތްކުރުމަށާއި، ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށް ހަވާލުކޮށްފައެވެ.
