ކ. ގާފަރާއި ގދ. މަޑަވެލީގެ ބަނދަރު ތަރައްގީ ކުރުމާއި، ކ. މާފުށްޓާއި ށ. ފުނަދޫގެ ބިން ހިއްކުމުގެ އިތުރުން ފ. ދަރަނބޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
މަޝްރޫއުތަކުގެ ތަފްސީލު ހިއްސާކުރަމުން އެމްޓީސީސީން ބުނީ 2,095 މީހުންގެ އާބާދީއެއް އޮންނަ މަސްވެރި މަޑަވެލީގައި 92,540 ކިއުބިކް މީޓަރުގެ ބަނދަރާއި ނެރު ފުންކުރުމާއި، 11,840 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި، 383 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން 253 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 535 މީޓަރުގެ ބޭރުތޮށި އަދި 496 މީޓަރުގެ ވެލިއަޅާފައިވާ ބޭރުތޮށީގެ ރިވެޓްމަންޓް ލުން ހިމެނޭކަމަށެވެ.
އެމްޓީސީސީން ބުނީ މިއީ 173.39 މިލިއަން ރުފިޔާއަށް 630 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށެވެ.
އެމްޓީސީސީން ބުނީ 2,408 މީހުންގެ އާބާދީއެއް އޮންނަ އަދި ގެސްޓްހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރިއަށްދާ މާފުށީގައި 25 ހެކްޓަރުގެ ބިން ހިއްކައި، 724 މީޓަރުގެ ރިވެޓްމެންޓް، 356 މީޓަރުގެ ގްރޮއިން އަދި 162 މީޓަރުގެ ބޭރުތޮއްޓެއް ލުމަށް ހަމަޖެހިފައިވާކަމަށެވެ. 267.87 މިލިއަން ރުފިޔާއަށް މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭގައިކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ 4,186 މީހުންގެ އާބާދީއެއް އޮންނަ، އެއާޕޯޓާއި ރީތި ކުޅިއެއް އޮންނަ ފުނަދޫގައި 26.55 ހެކްޓަރުގެ ބިން ހިއްކާ، 3,284 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް އަދި 50 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެކަމަށެވެ. މި މަޝްރޫއަކީ 342.99 މިލިއަން ރުފިޔާއަށް 510 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން 1,675 މީހުންގެ އާބާދީއެއް އޮންނަ، މަސްވެރިކަމާއި ގެސްޓްހައުސް ވިޔަފާރި ކުރާ ގާފަރުގައި 97,214 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 437 މީޓަރުގެ ބޭރުތޮށި ލުމާއި، 468 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުމުގެ އިތުރުން 220 މީޓަރު ދިގު، 4 މީޓަރު ފުޅާ ޖެޓީއެއް ހެދުން ހިމެނޭކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. 79.48 މިލިއަން ރުފިޔާއަށް މި މަޝްރޫޢު ހަވާލުކުރީ 480 ދުވަސް ތެރޭ ނިންމުމަށްކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ 600 އެއްހާ މީހުންގެ އާބާދީއެއް އޮންނަ، މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ދަރަނބޫދޫގައި 81,376 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 895 މީޓަރުގެ ބޭރު ތޮށި ލުމާއި 484 މީޓަރުގެ ގްރޮއިން ޖެހުން ހިމެނޭކަމަށެވެ. އަދި މިއީ 73.62 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމަން ހަވާލުކުރި މި މަޝްރޫއެއްކަމަށް ވެސް ވަނީ ބުނެފައެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 45 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާއީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކުންފުންޏެކެވެ.
