އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވެސް އިސްތިއުފާދެއްވައިފިއެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަތީން ވިދާޅުވީ މިއަދުން ފެށިގެން އިސްތިއުފާ ދެއްވީ ކަމަށެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ހާމަނުކުރައްވައެވެ.

މަތީން އިސްތިއުފާ ދެއްވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް، ޕީސީބީއިން ވެސް ވަނީ ހާމޮށްފައެވެ. އަދި އޭނާގެ އިސްތިއުފާ ގަބޫލުކޮށް މިއަދުން ފެށިގެން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ވެސް ޕީސީބީން ވަނީ ބުނެފައެވެ.

މަތީން ވަނީ ބިލްޑިން ސާވިސަސް އިންޖީނިއަރިންގެ ރޮނގުން މާސްޓާސް ހާސިލްކުރައްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

މިއަދު މަތީން އިސްތިއުފާ ދެއްވިއިރު، މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބަށް ފަހު ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވަނީ މަގާމުން ވަކިކޮށްފައެވެެ.