މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް (ސަބްސީ ޑީސެލިނޭޝަން ޕްލާންޓެއް) ގާއިމުކުރުމަށްޓަކައި ހަދަންޖެހޭ ފީސިބިލިޓީ ދިރާސާގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީ އިން މައުލޫމާތު ދޭ ގޮތުގައި، މި ދިރާސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 2040 ވަނަ އަހަރަށް ތަރައްގީވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމުގެ ދުރު ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެށި މަސައްކަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ގައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރުމާއެކު، ދެމެހެއްޓެނިވި އުމްރާނީ ތަރައްގީ ކުރިއެރުވުމަށްޓަކައި އެންމެ ފަހުގެ އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތައް ބެލުމެވެ.
މި ދިރާސާގެ ދަށުން، މި މަސައްކަތުގައި ބައިވެރިވާ "ފްލޯޝަން" ކުންފުނީގެ ޓެކްނިކަލް ޓީމުން މިހާރު ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެން ސާމްޕަލް ނަގާފައެވެ. ފުރަތަމަ މުއާޔަނާއިން ދައްކާ ގޮތުގައި މި ފެނަކީ އާދަޔާހިލާފަށް ސާފު ފެނެކެވެ. އަދި ލެބޯޓްރީ ތަހުލީލުތަކުން މިކަން ކަށަވަރުވެއްޖެނަމަ، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީއީ ފެން މަސްދަރުތަކުގެ ތެރޭގައި ހިމެނޭނެ ފެނެއް ކަމަށް އެމްޑަބްލިޔުއެސްސީ އިން ފާހަގަކުރެއެވެ.
ފްލޯޝަންގެ މި އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ އަޑީގެ ތަބީއީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް މަރުހަލާ ފުރިހަމަކުރާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. ފްލޯޝަންގެ ރަސްމީ މައުލޫމާތުތަކަށް ބަލާއިރު، މި ޓެކްނޮލޮޖީގެ ސަބަބުން ފެން އުފެއްދުމަށް ކަރަންޓު ބޭނުންކުރާ މިންވަރު 40 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްކުރެވެއެވެ. އަދި ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވިގެންދެއެވެ. ނަމަވެސް، ކަރަންޓު ހަރަދު މި މިންވަރަށް ކުޑަވާނެކަން އަދި ރާއްޖޭގެ މާހައުލުގައި ކަށަވަރުކުރެވިފައެއް ނުވެއެވެ.
އެމްޑަބްލިޔުއެސްސީ އިން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދާ އަމަލީ ދިރާސާއިން ލިބޭ ނަތީޖާތަކަށް ބަލައި، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން ރާއްޖެއަށް އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެ ކުންފުނިން ވަޒަންކުރާނެއެވެ. މި މަޝްރޫއަކީ ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ނިޒާމެއް ގާއިމުކުރުމަށް އެ ކުންފުނިން ވެފައިވާ ދިގު މުއްދަތުގެ ވައުދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
