ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހުގެ އަތުން ބޯޓެއް ގަތުމުގައި ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތައް މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދޮގުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، 900،000 ރުފިޔާގެ އަގުހުރި ބައު ލޭންޑިން ކްރާފްޓެއް 17 މިލިއަން ރުފިޔާއަށް ފަލާހު އަތުން ގަނެ، މަރާމަތަށް އިތުރު 1.8 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި 2023 ވަނަ އަހަރަށް ފަހުން އެފަދަ އެއްވެސް އުޅަނދެއް އެ ކުންފުނިން ގަނެފައި ނުވާނެ ކަމަށާއި، ފަލާހު ހިމެނޭ ގޮތަށް އެއްވެސް ފަރާތަކާއެކު މިފަދަ ވިޔަފާރީގެ މުއާމަލާތެއް ކުރުމަށް ބޯޑުން ރުހުން ދީފައިވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ދެވަނަ އުޅަނދެއް ގަންނަން އުޅުމުން އެ ކުންފުނީގެ ބޯޑު މެންބަރު އުމަރު ހުސެއިން އިސްތިއުފާ ދެއްވި ކަމަށް ކުރެވޭ ތުހުމަތާ ގުޅޭގޮތުން ފަހުމީ ވިދާޅުވީ، އުމަރު އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށާއި ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ ތުހުމަތުތަކާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
މީގެ އިތުރުން ފަހުމީ ވިދާޅުވީ އެއްވެސް ހެއްކެއް ނެތި މިފަދަ ސީރިއަސް ތުހުމަތުތައް ހަގީގަތް އޮޅޭ ގޮތަށް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
