އީރާނާއި އެމެރިކާއާ ދެމެދު ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމުން ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މިކަމަށް ރާއްޖެއިން މަރުހަބާ ކިޔާކަން ހާމަކޮށްފައިވަނީ ފޮރިން މިނިސްޓްރީން ރޭ އާންމުކޮށްފައިވާ ބަޔާނެއްގައެވެ.
މިބަޔާނުގައި ހަނގުރާމަ މެދުކަނޑާލަން ދެގައުމުން ވި އެއްބަސްވުމާއެކު މެދުއިރުމަތީ ސަރަހައްދުގަައި އުފެދިފައިވާ ހަމަނުޖެހުންތައް ކުޑަވެ، ދާއިމީ ހައްލެއް ހޯދުމަށާއި، ހިޔާލުތަފާތުވުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމުގައި މަޝްވަރާއާއި ޑިޕްލޮމަސީއަށް ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.
ހަމައެއާއެކު މި އެއްބަސްވުމަށް މަގުފަހިކޮށްދިނުމުގައި ޕާކިސްތާން ސަރުކާރާއި، އަދި މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ކުރެއްވި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ އަގު ވަޒަންކުރާކަމަށްވެސް އެބަޔާނުގައި ދިވެހި ސަރުކާރުން ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރާ ހުރިހާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ތާއީދުކުރާނެކަން ފާހަގަކޮށްފައިވެއެވެ.
ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުމަށް އިށާރާތްކޮށް، މި އެއްބަސްވުމުގެ ސަބަބުން އެ ކަނޑުއޮޅި ހުޅުވައި އާންމު ރައްޔިތުން ރައްކާތެރިކުރުމާއި، ދުނިޔޭގެ ވިޔަފާރިއަށް ހުރަސްނޭޅޭނެހެން ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ފާހަގަކޮށްފައިވެއެވެ.
2 ހަފްތާގެ މުއްދަތަށް ހަމަލާތައް ހުއްޓާލަން އެއްބަސްވީ ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ ނުރަސްމީ މަޝްވަރާތަކަށް ފަހުގައެވެ. 2 ހަފްތާގެ މުއްދަތަށް އީރާންވެސް އެއްބަސްވެފައި ވާ އިރު، އެގައުމުން ވަނީ، 10 ނުކުތާގެ މައްޗަށް އެކުލެވޭ ޝަރުތުތަކެއް ހުށަހަޅާފައެވެ. އޭގައި ވާގޮތުން، ހަމަލާތައް ދާއިމީކޮށް ހުއްޓާލުމާއި، އީރާނަށް އަޅާފައިވާ ދަތިކުރުމުގ ފިޔަވަޅުތައް އުވާލުމާއި، އީރާނަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލު ދިނުމާއި، މަރާމާތުކޮށް އާރާސްތު ކުރުމަށް އެހީތެރިވެ ދިނުމާއި، ޔޫނިއަމް ފައްކާ ކުރުމަށް ހުރަސް ނޭޅުން ހިމެނެއެވެ. އަދި އީރާނު ހިމެނޭހެން މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާއިން ކުރާ ހަނގުރާމަތައް ހުއްޓާލުމާއި، މެދުއިރުމަތިން އެމެރިކާ ފައިގައިގެން ދިޔުން ހިމެނެއެވެ.
މި ނުކުތާތަކަށް ރިޔާއަތް ކުރައްވައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، 2 ހަފްތާއަށް ހަމަލާތައް ހުއްޓާލަން އެއްބަސްވަނީ، އެއްވެސް ޝަރުތެއް ނެތި އީރާނުން ހޮރުމޫޒު ކަނޑުއޮޅި ހުޅުވައި އެ ކަނޑުއޮޅީގެ ހަރަކާތްތައް އަމާންކަމާއެކު ގެންދަން އެއްބަސް ވުމުން ކަމަށެވެ. އަދި އީރާނުން ހުށަހަޅާފައިވާ 10 ނުކުތާއަކީ ވާހަކަ ދައްކައިގެން ހައްލެއް ހޯދިދާނެ ނުކުތާތަކެއް ކަމަށް ގަބޫލު ކުރާ ކަމަށާއި 2 ހަފްތާގެ މުއްދަތުގެ ތެރޭގައި އެއްބަސްވުމަކާ ހަމައަށް ދެވިދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.
