ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފިއެވެ.
މި ނޫހަށް އެކަން ކަށަވަރުވެފައިވީ ނަމަވެސް މިހާތަނަށް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން އެކަން ހާމަކޮށްފައި ނުވެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ވެސް މުންދުގެ ނަން މިހާރު ވަނީ އުނިކޮށްފަ އެވެ.
މުންދު މަގާމުން ވަކިކޮށްފައި މިވަނީ ޕީއެންސީ އަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ. މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ.
އެ އޯޑިއޯގައި އަސްމާ ރަޝީދު ވަނީ ސަރުކާރަށާއި ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މުންދު އާއި ސަލްމާ މަގާމުން ވަކިކުރި އިރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ނަޖާހު ވަކިކުރި އިރު އޭނާ އާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ އަޑު ފެތުރިފައިވެއެވެ.
