އިންތިހާބުތަކުން ލިބޭ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނައި، ކަންކަން އިސްލާހުކުރުމަށް ލިބޭ ވަރަށް ފަހި ފުރުސަތުތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބޭއްވުނު އިންތިހާބުތަކުގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު އެއް މަގްސަދަކީ އިންތިހާބުތަކުގައި ބައިވެރިވެ، އެ އިންތިހާބުތައް ކާމިޔާބުކުރުންކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އިންތިހާބުތައް ކާމިޔާބުވުމާއި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށެވެ. އަދި މި ސަރުކާރަކީ އަބަދުވެސް ކުރިޔަށް ވިސްނާ ބައެއްކަމަށާއި، މި އިންތިހާބަކީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިންމު އިންތިހާބެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެއިތުރުން ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި އިންތިހާބުގެ ނަތީޖާއާއެކުވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށާއި، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރުގެ ޕޯސްޓުގައި، އިންތިހާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. ހަމައެއާއެކު، އިންތިހާބުގައި ބައިވެރިވެ ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތާއި ދެއްކެވި ހިތްވަރަށް ވެސް ޝިޔާމް ވަނީ ސާބަސް ދެއްވާފައެވެ.
އިންތިހާބު ކާމިޔާބުކަމާއެކު ނިންމާލުމަށް އެއްބާރުލުންދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުއިއްޒު އާއި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު ދެއްކެވި އާދަޔާހިލާފު ހިތްވަރާއި ރީތި ނަމޫނާއަށް މިނިސްޓަރު ޝިޔާމް ވަނީ ހާއްސަ ޝުކުރެއް ބަރުތީލަކުރައްވާފައެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ ޝިޔާމް ގެ މިމެސެޖުގެ އިތުރުން، އާދީއްތަ ދުވަހު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އިން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ދެއްވާފައެވެ. އިންތިހާބުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަނެ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.
