ނޯޓުގެ ނިއު އެޑިޝަން ފިހާރައަށް ފޭކް ސްލިޕް ފޮނުވައިގެން މޭކަޕް ސާމާނު ގަތް މައްސަލައެއް ފެންމަތިވުމުން، އެ ކަމުގައި ހިމެނުނު މީހުން އެ ފައިސާ އަނބުރާ ފިހާރައަށް ދައްކައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ނިއު އެޑިޝަނުން ކުރި ޕޯސްޓެެއްގައި ވަނީ އެއްފަހަރާ 8،700 އަށް ވުރެ ގިނަ ރުފިޔާގެ މޭކަޕް ސާމާނު ގަތުމަށްފަހު ފޭކް ސްލިޕް ފޮނުވި ދެ އަންހެނެއްގެ ވީޑިއޯ އާންމުކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން މޫނު ނިވާކޮށްގެން ހުރި އަންހެނަކާ އިތުރު އަންހެނަކު ގިނަ އަދަދެއްގެ ތަކެތި ގަތުމަށްފަހު ސްލިޕް ދައްކާ މަންޒަރު ފެނެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެ އިދާރާއިން ބުނީ އެ މައްސަލަ އާއި ގުޅިގެން ތަހުގީގުގައި ކުރި މަސައްކަތުން ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވި މީހާ ދެނެގަނެވިފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ޝާމިލުވާ ފަރާތުން މިހާރު ފިހާރައަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލަ ތަހުގީގުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.