މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓު ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފިއެވެ.

ރައީސް މުއިއްޒު ވޯޓުލައްވާފައި ވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

ވޯޓުލުމަށްފަހު މީޑިއާ އާއި ވާހަކަ ދައްކަވަމުން ރައީސް ވަނީ ވޯޓު ލުމުގެ ހައްގުގެއް ބޭނުން ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ވޯޓު ލުމަކީ އެންމެންގެވެސް ގާނޫނީ ހައްގެކަމާއި، މިހެންކަމުން އެގާނޫނީ ހައްގު އަދާކުރަން ވޯޓު ލާން ދިއުމަށް ރަައީސް އިލްތިމާސްކުރެއްވިއެވެ.

މިއަދު ކުރިއަށްދާ އިންތިހާބު ތަކުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރުން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އަށެވެ.

މިއަދުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2961 ކެންޑިޑޭޓުން ޖުމްލަކޮށް ވާދަކުރެއެވެ.

މި އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެތެރެއިން 180 ވޯޓު ފޮށި މާލޭގައި ވަނީ ބަހައްޓާފައެވެ.