ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސްމަތިން ވައްކަންކޮށްފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާޗް 22، 2026 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން މާޗު 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، މއ. ވިނަރެސް / މާލެ، ހުސައިން ޝިހާމް (40އ) ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު، ހުޅުމާލެ ހޮސްޕިޓަލުން އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.