ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 11 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށާއި، ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ. އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖާ ހުސެއިން ތަސްމީންއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ފެނުގެ ނިޒާމު ގާއިމުކުރުން: ރ. ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ފަށައި، ނުނިމި ހުރި މަސައްކަތްތައް ނިންމުން.
  • ނަރުދަމާ ނިޒާމު އައުކުރުން: ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ބޭނުންކުރަމުންދާ ނަރުދަމާ ނިޒާމު ބަދަލުކޮށް، އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ގާއިމުކުރުން.
  • ފެނާއި ނަރުދަމާގެ މަސައްކަތް: ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ފުރިހަމަކުރުން.
  • ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުން: ފުވައްމުލަކު ސިޓީގައި މިހާރު ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް އަޕްގްރޭޑް ކުރުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރަށްރަށުގައި ހުއްޓިފައި ހުރި އަސާސީ ހިދުމަތްތަކުގެ މަޝްރޫއުތައް އަވަސްމަގަކުން ނިންމައި، ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. މި މަޝްރޫއުތަކަކީ އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.