އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ފާޑު ވިދާޅުވެ ޖަލްސާއެއްގައި ޖެއްސެވި މިސާލުބަހެއް ލޯފަން މީހުންނަށް އަމާޒުވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން މާފަށް އެދިވަޑައިގެންފިއެވެ.

"ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހު ކުރުން" ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ސަރުކާރުން ކަންކުރާގޮތް ސިފަކޮށްދެއްވަމުން ޝާހިދު ވިދާޅުވީ "ކަނަކު އިޝާ ނަމާދަށް ދާހެން" ސަރުކާރުން ލާހޫރެނީ ކަމަށެވެ. ޝާހިދުގެ މި ވާހަކައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަދި އެމީހުންނަށް މަލާމާތް ރައްދުވާ ފަދަ ބަހުރުވައަކުން ޝާހިދު ވާހަކަ ދައްކާފައި ވާތީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން އެކަން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.

https://www.facebook.com/share/p/1DFQ3WQYsu/?mibextid=wwXIfr

ޝާހިދުގެ ވާހަކައާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައްވެސް އަމާޒުވެފައި ވާއިރު، ޝާހިދު ވަނީ އެ ބަހަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރެއްވި ބަހެއް ނޫން ކަމަށް ވިދާޅުވެފައެވެ. "އެހެންނަމަވެސް ދިވެހިބަހުގެ ޒަމާންވީ މިބަސް އަޅުގަނޑަށް ބޭނުންކުރެވިފައި ވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދެމެވެ." ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވަނީ ދިވެހި ބަސްފޮތުގައި ހުރެދާނެ އެފަދަ ހުރިހާ ބަސްތަކެއް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.