އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިންމީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ / ފެހިވިނަމާގެ، އަޒުހީމް ސައީދު (36އ) އާއި ޏ. ފުވައްމުލައް / ދޫޑިގަން.ގޯލްޑަންގޭޓް، އަލީ ޝަފާޒު (31އ) އާއި ސ. ހިތަދޫ / ކުޅިބަލާގެ، މުހައްމަދު ޖުނައިދު (47އ) ކަމަށެވެ.

ފުލުހުން ބުނީ މި ތިންމީހުންގެ ތެރެއިން އަޒުހީމް ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 3500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މާޗު މަހުގެ 12 ވަނަ ދުވަހުކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެޕްރީލް 27 ވަނަ ދުވަހާއި ހަމައަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ އަލީ ޝަފާޒު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 4500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންކަމަށެވެ. މި މާޗު މަހުގެ 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެޕްރީލް 12 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މުހައްމަދު ޖުނައިދު ހައްޔަރުކޮށްފައި ވަނީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29987 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. ފުލުހުން ބުނީ މާޗު މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެޕްރީލް 5 ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި ތިންމައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.