މާލޭގެ މޭޔަރު ކަަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް ރިޓަޔާޑް މޫސާ އަލީ ޖަލީލު ހޮވުމަށް ތާއީދު ކުރައްވާ ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

އުއްޗު މިފަދައިން ވިދާޅުވެފައިވަނީ އުއްޗު އަރިހަށް މިއަދު ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ކުރެއްވި ޒިޔާރަތެއްގައެވެ. އެގޮތުން މި ޒިޔާރަތުގަައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިހާބު ކުރުމަށް ތާއީދުކުރައްވާކަމާއި އަދި ވޯޓް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އުއްޗު ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ގައުމީ ހިދުމަތުގެ އެންމެ ފަހުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޖަލީލް ކަމަށާއި، ވަކިން ހާއްސަކޮށް ސިފައިންގެ ހިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ މޫސާ ޖަލީލް ފަދަ ބޭފުޅުންގެ ހިދުމަތް މި ގައުމަށް ބޭނުންވާކަމަށެވެ.

އަދި ގައުމީ ހިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ މޫސާ ޖަލީލް ފަދަ ބޭފުޅުން ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާކަމަށް އުއްޗު ވަނީ ވިދާޅުވެފައެވެ.

މާލޭގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރާ ކެންޑިޑޭޓް މޫސާ ޖަލީލަކީ ދިވެހި އަސްކަރިއްޔާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި އެ ހިދުމަތުގެ އެންމެ މަތީ މަގާމު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމް އަދާ ކުރެއްވި ބޭފުޅެކެވެ. ހަމައެއާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވި ސަބަބު ހާމަ ކުރައްވަމުން މޫސާ ޖަލީލު ވަނީ، މަގާމުން ރިޓަޔާވެވަޑައިގެން މާލެއަށް ދިމާވެފައިވާ މައްސަލަތައް އެނގިހުރެމެ ހުންނަން ބޭނުންނުވީ ކަމަށް ވިދާޅުވެފައެވެ. ރައީސުލޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު ކުރެއްވި މަސައްކަތްޕުޅަކީ ނަމޫނާއެއްގެ ގޮތުގައި ދެކިވަޑައިގެން މާލޭގެ ރައްޔިތުން އެދޭ ގޮތަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް މޫސާ ޖަލީލް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ރައީސްގެ އިރުޝާދާ އެއްގޮތަށް މާލޭގެ ރައްޔިތުންގެ ހިތަތއް ފަތަހަ ކުރާނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ މަގުން ކަމަށް ވެސް މޫސާ ޖަލީލް ވަނީ ވިދާޅުވެފައެވެ.