މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތަރައްޤީކުރާ ފްލެޓްތައް ނިންމައި، އޭގެ ތަޅުދަނޑި ހަވާލުކުރާނެ އަހަރަކީ 2028 ވަނަ އަހަރު ކަމަށް ކޮންސްޓަރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވީ ހާއްސަ އިންޓަވިއުއެއްގައެވެ. ނާޒިމް ވިދާޅުވީ، އަގުހެޔޮކޮށް ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން 1000 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެއި ނުވަތަ ޖޫން މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ މައިގަނޑު ދެ މޮޑެލްއަކަށެވެ. އެއީ އަގުހެޔޮކޮށް ފްލެޓް ގަނެވޭ "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލް އަދި މަހުން މަހަށް ކުލި ދައްކައި ނިންމައިގެން މިލްކުވެވޭ "ރެންޓް-ޓު-އޯން" މޮޑެލްއެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އިމާރާތްކުރުމުގެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި ކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި އަންނަ މަހުގެ ނިޔަލަށް ޝަރުތު ހަމަވާ ކުންފުނިތަކަށް ބިން ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތް ތާވަލުކޮށްފައިވާ ގޮތް ހާމަ ކުރައްވަމުން ނާޒިމް ވިދާޅުވީ، ތާވަލުގައި އޮތީ މި ދައުރުގެ ތެރޭގައި 2028 ވަނަ އަހަރުގެ ޖޫން މަހަށް ބީއެމްއެލް އިން ތަރައްގީ ކުރާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމުން ކަމަށެވެ. އަދި އެފޯޑަބަލް ހޯމް އޯނަޝިޕް ސްކީމްގެ 1000 ހައުސިން ޔުނިޓްގެ މަސައްކަތް 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި 2028 ވަނަ އަހަރަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ އަހަރު ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 5 ޕެކޭޖަކަށް ބަހާލައިގެންނެވެ. ކޮންމެ ޕެކޭޖެއްގައި 200 ހައުސިންގ ޔުނިޓް ހިމެނޭ އިރު، އެއް ކުންފުންޏަކަށް ގިނަވެގެން ދޫކުރާނީ 400 ޔުނިޓެވެ. މީގެ ބޭނުމަކީ ވީހާވެސް ގިނަ ދިވެހި އަމިއްލަ ކުންފުނިތަކަށް މި މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ.

މިހާރުވެސް ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން ޖުމްލަ 7900 ފްލެޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ހުޅުމާލެ ފޭސް 3 ގައި އިމާރާތް ކުރާ 1,224 ޔުނިޓާއި، ވިލިމާލޭގައި އަޅާ 300 ޔުނިޓްގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ 546 ޔުނިޓް ހިމެނެއެވެ.