މި ސަރުކާރުގެ އިސްލާހީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ގައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓިވީގެ ޕްރޮގްރާމް "އެސްޕްރެސޯ ވިތު ރައީސް" ގައި ރައީސް ވިދާޅުވީ ރައްޔިތުން ރައީސަކު އިންތިހާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަށެވެ. މި ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ހިމަނުއްވައިގެން، ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ހުށަހަޅުއްވާ އިސްލާހުތަކާ މެދު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި އިސްލާހުތަކަކީ ދުރާލާ ރޭވިގެން، ގައުމަށް އެންމެ ފައިދާ ހުރި ކަންކަން އިސްކުރުމުގެ ނިޔަތުގައި ހުށަހަޅުއްވައި ތަންފީޒުކުރައްވަމުންގެންދަވާ ކަންތައްތަކެއް ކަމުގައެވެ.

ރޭގެ ޕްރޮގްރާމްގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށް ހުށަހަޅުއްވާ އިސްލާހާއި، އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން، ފުޅާދާއިރާއެއްގައި މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، މަޖިލީހުގެ އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށް ހުށަހަޅުއްވާ އިސްލާހަކީ، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގެ މައްޗަށް ބަރޯސާވާނޭ އިސްލާހެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން އިސްލާހުކުރެއްވުމަށްވެސް ހުށަހަޅުއްވަން ވިސްނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިހާރުއްސުރެވެސް، އެ ހުށަހެޅުންތަކާމެދު ފިކުރު ހިންގައި، އެ ކަންކަން ބައްޓަންކުރެވިދާނޭ ގޮތްތަކާމެދު ޒުވާނުންގެ މެދުގައި މަޝްވަރާކޮށް، ޒުވާނުންގެ އަޑު އިއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ޒުވާނުންނާ ގުޅުންހުރި ސިންދަފާތު ދާއިރާތަކުން، ސަރުކާރުން ރާވާފައިވާ އަދި ކުރިއަށްގެންދާ މަޝްރޫއުތަކުގެ އަދާހަމަ ތަފާސްހިސާބުވެސް، ހިއްސާކުރައްވާފައެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ، ޒުވާނުން ބާރުވެރިކޮށްގެން، ޒުވާނުންގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ގައުމު ކުރިއަށްގެންދަވަންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިސްލާހީ މަސައްކަތްތަކުން، މި ބާރުވެރިކަމާއި ބައިވެރިވުމަށް ދޮރުތައް ހުޅުވިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.