ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގުމަށް ހަމަޖެހިފައިވާ ފެންނަނުފެންނަ ވޯޓާ ގުޅޭ ރިޔާސީ ގަރާރު ބާތިލްކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ނެރުއްވި މި ގަރާރަކީ ބާތިލް ގަރާރެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެމްޑީޕީން އެދުނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ލާޒިމްކުރާ ފަދަ މައުލޫމާތު ކަރުދާހެއް އެ ގަރާރާއެކު ހިމަނާފައި ނުވާތީއެވެ. އެ ޕާޓީން ބުނާ ގޮތުގައި ގާނޫނީ މި އިޖުރާއަތް ފުރިހަމަނުކޮށް ވޯޓު ނެގުމަކީ ގާނޫނާ ހިލާފު ކަމެކެވެ.

ނަމަވެސް، ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ. ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ބަޔާންކޮށްފައިވަނީ، ޖުޑީޝަލް ރިވިއުގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ އެކަމެއް ހައްލުކުރުމަށްޓަކައި އިދާރީ މަރުހަލާގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށް ފަހު ކަމަށެވެ.

އެމްޑީޕީން މި މައްސަލަ ކޯޓަށް ހުށަހެޅިއިރު، އެކަން ހައްލުކުރުމަށް އެއްވެސް އިދާރާއަކަށް ޝަކުވާ ހުށަހެޅިކަން ނުވަތަ އިދާރާއަކުން އެކަމާ މެދު ވަކި ގޮތެއް ނިންމާފައިވާކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނުވާތީ، އިދާރީ މަރުހަލާ ފުރިހަމަނުވާ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އެ މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ.

ސިވިލް ކޯޓުން މި މައްސަލަ ބަލައިނުގަތް ނަމަވެސް، ފެންނަނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް އެ ކޯޓުން ވަނީ ބަލައިގެންފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ހެނދުނު ފެށުމަށް ސުޕްރީމް ކޯޓުން ވަނީ ތާވަލްކޮށްފައެވެ.