ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް މިއަދުން ފެށިގެން މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދޭ ގޮތުގައި، މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެންނެވެ. މި ބަދަލުތަކަކީ އެއާޕޯޓުގެ ޓާމިނަލް 2 ބޭނުންކުރައްވާ ފަސިންޖަރުންނަށް ޓެކްސީގެ ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގެނެވުނު ބަދަލުތަކެކެވެ.

އަލަށް ގެނެވުނު އިންތިޒާމުތަކުގެ ދަށުން، ޓާމިނަލް 2 ގެ ކުރިމަތީގައިވާ ސަރަހައްދު މިހާރު ވަނީ ފަސިންޖަރުންނަށް ޓެކްސީއަށް އަރާ ފޭބުމަށް ހާއްސަ ކުރެވިފައެވެ. އެގޮތުން ގެނެވުނު ބަދަލުތަކުގެ ތަފްސީލަކީ:

  • ފަސިންޖަރުން ބޭލުން: ޓާމިނަލް 2 ގެ އެރައިވަލް ކުރިމަތިން، ބުރާއި ދެމެދުގައިވާ ސަރަހައްދު ވަނީ ފަސިންޖަރުން ބޭލުމަށް (ޑްރޮޕް-އޮފް) ހާއްސަ ކުރެވިފައެވެ. މި ސަރަހައްދުގައި އެއްފަހަރާ 4 ޓެކްސީއަށް މަޑުކުރެވޭނެ ގޮތަށް ސްލޮޓްތައް ވަނީ ކަނޑައަޅާފައެވެ.
  • ފަސިންޖަރުން އެރުވުން: ޓާމިނަލް 2 ގެ ޑިޕާޗާ ކުރިމަތިން، ބުރާއި ދެމެދުގައިވާ ސަރަހައްދު ވަނީ ފަސިންޖަރުން ޓެކްސީއަށް އެރުވުމަށް (ޕިކް-އަޕް) ހާއްސަ ކުރެވިފައެވެ. މި ސަރަހައްދުގައި އެއްފަހަރާ 5 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ވަނީ ފާހަގަކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލުތައް

އެމްއޭސީއެލް އިން ބުނީ، މި ބަދަލުތަކަށް އާންމުން އަހުލުވެރިކުރުވުމަށާއި، ޓްރެފިކް ފްލޯ ބެލެހެއްޓުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. މި އައު އިންތިޒާމުގެ ސަބަބުން އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބި، ޓްރެފިކް ތޮއްޖެހުން ކުޑަވެގެންދާނެއެވެ.