ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފިއެވެ.
މިކަން ގަވާއިދު އާންމުކޮށްފައިވަނީ ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު އިސްލާހުކޮށް ފިނޭންސް އެންޑް ޕްލޭނިންގް މިނިސްޓްރީންނެވެ.
ފިނޭންސް އެންޑް ޕްލޭނިންގް މިނިސްޓްރީން އަލަށް އާންމުކުރި މި ގަވާއިދުގައިވާ ގޮތުން، ނެއިބަހުޑް 9 ފިޔަވައި ހުޅުމާލޭގެ އެހެން ހުރިހާ ސަރަހައްދެއްގައި ހުރި ބޮޑެތި ގޯތިތަކުގައި 30.5 މީޓަރު ނުވަތަ 10 ފަންގިފިލާއަށް އިމާރާތް ކުރުމުގެ ހުއްދަ މިހާރު ލިބޭނެއެވެ. ނިމިދިޔަ ސަރުކާރުގައިވެސް މި ބަދަލު ގެނައުމަށް މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އޭރު އެކަން އަމަލީ ގޮތުން ތަންފީޒުކޮށްފައެއް ނުވެއެވެ.
މިގަވާއިދުގައި ވާގޮތުން ނެއިބަހުޑް 9 އެއްގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރެވެ. ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތަކަށް ރިއާޔަތްކޮށް، އެ ސަރަހައްދުގެ އެއްވެސް އިމާރާތެއްގެ އެންމެ އުސްމިން 22 މީޓަރަށް ވުރެ އުސްވެގެން ނުވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އިމާރާތުގެ އުސްމިން ކަނޑައަޅާފައިވާ ގޮތް:
- 400 އަކަފޫޓަށް ވުރެ ކުޑަ ނަމަ: 1 ފަންގިފިލާ (6 މީޓަރު)
- 401 - 500 އަކަފޫޓާ ދެމެދު: 2 ފަންގިފިލާ (6.5 މީޓަރު)
- 501 - 600 އަކަފޫޓާ ދެމެދު: 3 ފަންގިފިލާ (9.5 މީޓަރު)
- 601 - 700 އަކަފޫޓާ ދެމެދު: 4 ފަންގިފިލާ (12.5 މީޓަރު)
- 701 - 800 އަކަފޫޓާ ދެމެދު: 5 ފަންގިފިލާ (15.5 މީޓަރު)
- 801 - 900 އަކަފޫޓާ ދެމެދު: 8 ފަންގިފިލާ (24.5 މީޓަރު)
- 901 އަކަފޫޓަށް ވުރެ ބޮޑު ނަމަ: 10 ފަންގިފިލާ (30.5 މީޓަރު)
މި ގަވާއިދުގެ ދަށުން 18.5 މީޓަރަށް ވުރެ އުސްކޮށް އިމާރާތްކުރާ ނަމަ، ގްރައުންޑް ފްލޯ ހާއްސަކުރަން ޖެހޭނީ ޕާކިންގް އަށެވެ. އަދި ފުރަތަމަ ފަންގިފިލާ ހާއްސަކުރަން ޖެހޭނީ ދިރިއުޅުން ނޫން އެހެން ބޭނުންތަކަށެވެ. ބޭސްމަންޓެއް ހަދައި އެތަން އެއްކޮށް ޕާކިންގް އަށް ބޭނުންކުރާ ނަމަ، ގްރައުންޑް ފްލޯ ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާ ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމުގެ ހުއްދައެއް ނުލިބޭނެކަމަށް މި ގަވާއިދުގައި ބުނެއެވެ.
މީގެއިތުރުން އިމާރާތުގެ ތިރީގައި ފިހާރަ ފަދަ ތަންތަން ހަދާ ނަމަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެނުކުމެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެކަމަށް މި ގަވާއިދުގައި ބުނެއެވެ. އަދި ދިރިއުޅުމަށް ދޫކޮށްފައިވާ މި ބިންތަކުގައި ސިނާއީ މަސައްކަތް ކުރުމާއި، އަލިފާން ހިފާ ޒާތުގެ ތަކެތި ރައްކާކުރުމާއި، އާންމުންނަށް އުނދަގޫވާ ވަރަށް އަޑުގަދަވާ ނުވަތަ ވަސްދުވާ ފަދަ މަސައްކަތްތައް ކުރުމަކީ މަނާ ކަމެކެވެ.
ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ އެޗްޑީސީއަށް ކުރެހުން ހުށަހަޅައި ފާސްކޮށް، އެ ކުންފުނީގެ ހުއްދަ ލިބިގެންނެވެ. އަދި ގޯތީގެ އިން ވަކިކުރުމުގެ މަސައްކަތްވެސް އެޗްޑީސީން ކޮށްދޭނެ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
