ބިންވެރިޔާ ހާއްސަ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުން އަންނަ މަހަށް ލަސްކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބިންވެރިޔާ ހާއްސަ ސްކީމަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހު 01 އެޕްރީލް 2026 ވަނަ ދުވަހުގެ 11:00 އަށް ލަސްކުރެވިފައިވާ ކަމަށެވެ.
މި ސްކީމަށް ފޯމު ހުށަހެޅުމަށް ކުރިން ހުޅުވާލާފައިވަނީ މާދަމާއިން ފެށިގެންނެވެ. މީގެއިތުރުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ދަށުން ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހުވެސް ލަސްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން މި ކެޓަގަރީގެ ދަށުންވެސް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހު 01 އެޕްރީލް 2026 ވަނަ ދުވަހުގެ 11:00 އަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
"ބިންވެރިޔާ" ހާއްސަ ސްކީމްގެ އިތުރުން، 'ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން "ޢާއިލީ ބޯހިޔާވަހިކަމުގެ" ނަމުގައި މި އަހަރު ވަނީ އާ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމް ގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15000 ގޯތި އަދި ހުޅުމާލެ އާއި ވިލިމާލެ އިން 3 ކޮޓަރީގެ 7900 ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އާއިލީ ބޯހިޔާވަހިމަކުގެ ޕްރޮގްރާމުން ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު 2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓް ކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށްވެސް ވަނީ ކެޓަގަރީއެއް ހުޅުވާލާފައެވެ.
