އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް މުހައްމަދު ޒާހިދަށް "ބިންވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން ބާތިލްކުރި މައްސަލައިގައި، އެ ބިން އެހެން ފަރާތަކަށް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެދީފިއެވެ.
ސިވިލް ކޯޓަށް ޒާހިދު ހުށަހެޅުއްވި ދައުވާގައި ބުނެފައިވަނީ، އޭނާއަށް ދޫކުރި ގޯތި ބާތިލްކޮށްފައިވަނީ ފޯމާއެކު ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް، ޝަރުއީ ކޯޓަކުން ގޮތެއް ކަނޑައެޅުމެއް ނެތި ރަޖިސްޓްރީ ބާތިލްކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ގަޟިއްޔާއަކަށް ހަވާލާދީ އޭނާ ވަނީ ވަގުތީ އަމުރަކަށް އެދިވަޑައިގެންފައެވެ.
މި މައްސަލައިގައި ދައުލަތުން ޝަރީއަތުގައި ބުނެފައިވަނީ ޒާހިދު ސައްހަ ނޫން މައުލޫމާތެއް ހުށަހެޅި ކަމަށް ދައުލަތުން ނުބުނާ ކަމަށާއި، ނަމަވެސް އެ ގޯއްޗަކީ މާލެއަށް އުފަން މީހުންނަށް ދޫކުރި ގޯތިތަކެއް ކަމަށްވާއިރު، ޒާހިދަކީ އަދި މައިންބަފައިންނަކީ ވެސް އެ ޝަރުތު ފުރިހަމަވާ ބައެއް ނޫން ކަމަށެވެ. ހއ. ހަތިފުއްޓަށް އުފަން ޒާހިދުގެ ރަޖިސްޓްރީ މިހާރު މާލޭ ދަފްތަރުގައި އޮތް ނަމަވެސް، އޭނާއަށް ގޯތި ދީފައިވަނީ އުސޫލާ ހިލާފަށް ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެމުން ހައުސިން މިނިސްޓްރީއަށް އަންގާފައިވަނީ، މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ޒާހިދުގެ ނަމުގައި ރަޖިސްޓްރީ ކުރި ގޯތި ވިއްކުމާ، ދިނުމާއި އަދި އެހެންވެސް ގޮތަކުން އެ ބިމުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ.
