ރައްޔިތުންގެ މަޖިލީހުގެ ވަކި ޕަސެންޓެއް 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދައުލަތުގެ އެކި ކަންކަމަށް ގެންނަ އިސްލާހުތައް ބަރޯސާވާނީ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ނިންމާ ގޮތެއް މައްޗަށް ކަމަށެވެ.
އެގޮތުން އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ހިޔާލު ހޯދުމުގެ ވޯޓަށް ފަހު، ދައުލަތުގެ އެކި ކަންކަމަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން ވަރަށް ބޮޑަށް އިތުރުވަމުން ދާތީ، މެމްބަރުންގެ އަދަދު ކަނޑައެޅުމަށް ވެސް ސަރުކާރުން މަޝްވަރާ ކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަޖިލީހުގެ ވަކި ޕަސެންޓެއް 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށް ދިރާސާކޮށް، މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު އެއް ބުރުން ނިމޭ ގޮތަށް ގާނޫނަށް އިސްލާހު ގެނަންޖެހޭ ކަމަށެވެ. އަދި ރައީސްގެ ކަމުގެ ހުވާކުރައްވާ ދުވަސް ނޮވެމްވަރު 17 އިން 11 އަށް އަލުން ބަދަލުކުރުން ކަހަލަ އިސްހާލުތައް ގާނޫނަށް ގެންނަން ޖެހޭ ކަމަށެވެ.
