ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާއިރު، އެމީހެއްގެ ނަމުގައި އޮންނަ 400 ފޫޓަށްވުރެ ކުޑަ ބިންކޮޅު އާއިލާ މެންބަރަކަށް ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މިހާރު އޮންނަ އުސޫލުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭ މީހެއްގެ ނަމުގައި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތް ނަމަ، އެ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް އުސޫލަށް ގެންނަ ބަދަލާއެކު އެ ބިންކޮޅު އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑުއެއްބަފާ މީހެއްގެ ނަން މައްޗަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި އުސޫލަށް ބަދަލު ގެންނަވަން ނިންމެވީ މިހާރުވެސް ވަރަށް ގިނަ ބަޔަކު ލޯނު ނަގައިގެން އެ ކުޑަބިންކޮޅަށް އިންވެސްޓްކޮށް އިމާރަތްކުރުން ފަދަ މަސައްކަތް ކޮށްފައިވަތީ ކަމަށެވެ. އަދި އެ ބިންތައް ސަރުކާރަށް ނެގުމުގެ ބުރަ ރައްޔިތުންނަށް ދޭން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ސަރުކާރަށް ދޫކޮށްލަންޖެހޭނީ، ހަމަ އެކަނި ސަރުކާރުން ދީފައިވާ ފްލެޓެއްގައި ދިރިއުޅެމުންދާ މީހަކު އެ ފްލެޓް ދޫކޮށްލާ ހާލަތެއްގައި އެ ފްލެޓް އެކަނި ކަމަށެވެ.

މި އުސޫލަކީ ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށްވެސް ތަންފީޒުވާނެ އުސޫލެއް ކަމަށެވެ.