ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓާ ވިސާ"އެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު، ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރަން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގް ވިދާޅުވީ، މިހާރު ޓޫރިސްޓުން އަންނަނީ އޮން އެރައިވަލް ވިސާގެ ދަށުން ކަމަށާއި އެ 30 ދުވަސް ފަސޭހައިން އެކްސްޓެންޑް ކުރެވޭނެ ގޮތްތަކެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓަރު" ނަށް ވިސާއެއް ދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. "ރިމޯޓް ވޯކް ކުރަން އަންނަ ފަރާތްތައް، މިއީ ހާއްސަކޮށް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ގެނެވިއްޖެނަމަ ފައިދާތަކެއް ކުރާނެ،" ތޯރިގު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ސްޕޯޓްސް ފިޝިން އާއި ބިންގޭމް ފިޝިން ރެގިއުލޭޓް ކުރުމުގެ އިތުރުން ސްޕެއާ ފިޝިންއަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ބިގް ގޭމް ފިޝިން އާއި ސްޕޯޓްސް ފިޝިން އަކީ ދުނިޔޭގެ ގާތްގަނޑަކަށް 7.2 ބިލިއަން ޑޮލަރުގެ މާކެޓެއް އޮތް ސެގްމެންޓެއް، އަދި ރެކްރިއޭޝަނަލް ޑައިވިންއަށް ހުޅުވާލެވިއްޖެނަމަ އެއީ ވެސް 5.2 ބިލިއަން ޑޮލަރުގެ މާކެޓެއް އޮތް ކަމެއް،".
ތޯރިގް

ސްޕެއާ ފިޝިން މަނާކޮށްފައި އޮންނަތާ 40 އަހަރުވެފައިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ޗާޓަރު ސުޕަޔޮޓްތަކަށް ވެސް ފަސޭހައިން ގެނެސް، ފަސޭހައިން ޓްރެވަލް ކުރަން ހުއްދަ ދޭނެ ކަމަށެވެ. އަދި ރިސާޗް ކުރަން އަންނަ ފަރާތްތަކަށްވެސް ފަސޭހައިން އައިސް ތިބެވޭނެ ގޮތްތަކެއް ވެސް ހަމަޖެހިގެންދާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ.

އަދި މިހާލަތުން އަރައިގަތުމަށް ފަތުރުވެރިން ގެނެވޭނެ އިތުރު ރޫޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދިއުމުގެ އިތުރުން އެއާލައިންތައް އޮޕަރޭޓް ކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.