މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ސަޕްލައި ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެސް، ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ދީފިއެވެ.
މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ދިވެހި ގައުމާއި ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ސަރުކާރުން ދަނީ ވަރަށް ހަލުވި އަދި ރޭވުންތެރި ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެ މަތީން ދަމަހައްޓަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ހަފުތާގެ ތެރޭގައި ވެސް ތެލުގެ އާ ދެ ޝިޕްމެންޓެއް މިހާރު ވަނީ ރާއްޖެ ގެނެސްފައި ކަމަށް ސައީދު ވިދާޅުވިއެވެ. އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ދުރާލާ އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކން މިނިސްތަރު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް އެއްބަސްވެފައިވާ ތާރީހުތަކާ އެއްގޮތަށް ތެލުގެ އިތުރު ޝިޕްމެންޓްތައް ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މާތްﷲގެ ވާގިފުޅާއެކު، އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި ސަރުކާރުން ހާމަކުރެއެވެ.
