އައްޑޫ ސިޓީގައި ވިއްކަމުން އަންނަ ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އައްޑޫ ސިޓިގައި އާންމުކޮށް ތެޔޮ ވިއްކަމުން އަންނަ ތަންތަނުން މިއަދު ޕެޓްރޯލް ލީޓަރެއްގެ އަގު 29.26 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ޑީސަލް ލީޓަރެއްގެ އަގު ވަނީ 30.13 އަށް ބޮޑުކޮށްފައެވެ.

މީގެ އިތުރުން އެފްއެސްއެމް އިންވެސް ޕެޓްރޯލާ ޑީސަލްގެ އަގަށް ބަދަލު އައިކަން އަންގާފައިވާއިރު މި ބަދަލާ ގުޅިގެން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ނިސްބަތަށް ބަލާއިރު މާ ބޮޑު އަގުތަކެއް ކަމަށެވެ. އަދި މިހާރު ތެލުގެ އަގު ހުރި މިންވަރަށް ގަލްފުގެ ހަނގުރާމައިގެ ދުވަސްވަރުގައި ވެސް ތެލުގެ އަގު ބޮޑުކޮށްފައެއް ނުވާކަން ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ ތެލުގެ އަގު ބޮޑުކުރުމުގައި ސަރުކާރުން އިތުރަށް ވިސްނުން މުހިންމު ކަމަށެވެ. އަދި އިސްރާފުކުޑަކޮށް، ހަރަދުތައް ކުރުމުގައި ސަމާލުވުމަށް ހުރިހާ ރައްޔިތުންނަށް ނިޒާރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހޮރުމުޒު ކަނޑުއޮޅި ބަންދުކޮށްފައިވާއިރު މިކަމާއި ގުޅިގެން ދުނިޔޭގެ ތެލުގެ އަގު ވަނީ 40 އިންސައްތައަށްވުރެ މައްޗަށް އުފުލިފައެވެ. ރާއްޖޭގައި ވެސް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ހަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ވަނީ ނިންމާފައެވެ.