އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވު ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝްއަށް ގެންދަން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ 'ދަ ޑެއިލީ ސްޓާ' އިން އެ ގައުމުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ، އަލިފާނުގެ ހާދިސާގައި މަރުވި ސާދަރު އަލީ އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ގެންދާނެ ކަމަށެވެ.

އެ ހާދިސާގައި މަރުވި އެންމެންނަކީ ވެސް ބަންގްލަދޭޝްގެ މީހުން ކަމަށްވާއިރު އޭގެ ތެރޭގައި ހިމެނެނީ ރާޖު އުދިން އިސްލާމް އާއި ސާދަރު އަލީ އާއި ރޮބިން މޮއްލާ އާއި ޝަފީގުލް އިސްމާލް އަދި ނޫރްނަބީ ސަރްކާރް އެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ ސައްދާމް ހޮސެއިންއާއި ޖަމާލް އުދިންއަށެވެ.

ހައި ކޮމިޝަނާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވެސް ހައި ކޮމިޝަނުން ގުޅާ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު އަލިފާން ރޯވި ތަނަށް ގޮސް، އެ ތަން ވެސް ހައި ކޮމިޝަނުގެ އޮފިޝަލުން ބަލާފައި ވެއެވެ. އަދި މީގެ އިތުރުން ވެސް އެ ހާދިސާގައި ގެއްލުންވި ބަންގްލަދޭޝްގެ އިތުރު މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށްވެސް ހައިކޮމިޝަނާ ހަވާލާދީ ބުނެފައި ވެއެވެ.

ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައިތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ އިތުރު ތަހުގީގު ކުރަމުންނެވެ.