އދ. ދިގުރަށުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުންކަމަށް ފުލުހުން މިރޭ ހާމަކޮށްފިއެވެ.
މިހާދިސާ އާ ގުޅިގެން މިރޭ ފުލުހުން އާންމުކޮށްފައިވާ ބަޔާނުގައި ފުލުހުން ބުނީ ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މާރިޗު 12 ވީ ބުރާސްފަތި ދުވަހުގެ ރޭ 01:57 ހާއިރު ކަމަށެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، 01:58 އެހައިކަންހާއިރު ހަރަކާތްތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވުނުކަމަށެވެ.
މިހާދިސާއަށް އެޓެންޑް ވުމަށް ދިޔަ ފުލުހުން، އަލިފާން ރޯވެފައިވާ ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައިތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށާއި، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރު ކުރެވުމާއެއެކު، ހާލު ދެރަ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެވުނުކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލާފަވާކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުންނެވެ.
އާންމުންނާއި ފުލުހުން ގުޅިގެން ކުރެވުނު މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަނޑަކަށް 02:30 އެހައިކަންހާއިރުއެވެ.
ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް، މައްސަލައިގެ ތަހުގީގު ފަށައި މި ހާދިސާގެ މައުލޫމާތު މޭޖާ ކްރައިމް އިންވެސްޓިގޭޝަނާ ހިއްސާކުރެވިފައިވާކަމަށެވެ. އެގޮތުން، މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމު މިއަދު ހެނދުނުގެ ވަގުތެއްގައި ދިގުރަށަށް ވަނީ ގޮސްފައެވެ.
މި ހާދިސާގައި މީހުން ސަލާމަތްކުރުމާއި، އަލިފާން ނިއްވުމުގެ އިތުރުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިގުރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
