އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމިޑޭޝަންއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެއްޖެއެވެ
މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 2 ޖަހާކަށް ހާއިރުއެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެކިވަރުގެ އަނިޔާ ވެގެން ޖުމްލަ 8 މީހަކު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެތެރެއިން 5 މީހަކު ނިޔާވެފައިވާ ކަމަށެވެ. ހަމައެއާއެކު އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދެމުންދާ އިރު ރޯވި އަލިފާން ވަނީ ނިއްވާލާފައި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ހާދިސާގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
