މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ބަންދުކޮށްފައިވާ ހޮރްމޫޒު ކަނޑު އޮޅިން އިންޑިއާގެ ބޯޓުތައް ދަތުރު ކުރަން އީރާނުގެ ރައީސް ހުއްދަނުދެއްވާކަމަށް ބުނެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ފަތުރަމުންދާ ހަބަރަކީ ދޮގު ހަބަރެއްކަމަށް އިންޑިއާ އިން ބުނެފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ބަންދުކޮށްފައިވާ ހޮރްމޫޒު ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ފަހަރު ދަތުރު ކުރިޔަ ނުދޭން އީރާނުން އަންނަނީ ބޮޑެތި ހުރަސް ތަކެއް އަޅަމުންނެވެ.
މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވެވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފައެވެ. މިމަޝްވަރާތަކުގައި އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާގެ ބޯޓުތައް ހޮރްމޫޒު ކަނޑުއޮޅިން އެއްވެސް ހުރަހެއް ނެތި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމާ ބެހޭގޮތުން ވާހަކަ ދެކެވުނުކަމަށް މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައި ވެއެވެ.
މި މަޝްވަރާތަކަށްފަހު އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒު ކަނޑުއޮޅިން އިންޑިއާގެ ބޯޓުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭން އީރާނުން އެއްބަސްވިނަމަވެސް، ހުއްދަދޭން އެއްބަސް ނުވި ކަމަށް ބުނެ ސޯޝަލްމީޑިއާގެ ފޭކް އެކައުންޓްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވަނީ ހޮރްމޫޒު ކަނޑު އޮޅިން އިންޑިއާގެ ބޯޓުތައް ރައްކާތެރިކަމާއެކު ދަތުރުކުރަން ފުރުސަތު ނުދިން ކަމަށް ބުނާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ބުނެފައެވެ. އަދި މިފަދަ ހަގީގަތެއް ނެތް، ދޮގު ހަބަރު ފަތުރާ ފަރާތްތަކާ މެދު ސަމާލުވުމަށް ހައިކޮމިޝަނުން އިލްތިމާސްކޮށްފައި ވެއެވެ.
މެދުއިރުމަތީގައި ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނާއެކު ފޯނުން ގުޅުއްވައި ކުރި މަޝްވަރާތަކަށްފަހު އީރާނުން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅިން އިންޑިއާގެ ބޯޓުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭން އީރާނުން އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި އިންޑިއާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ވެސް ވަނީ އީރާނުން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅިން އިންޑިއާގެ ބޯޓުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭން އީރާނުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
