ޗިކަން ޕޮޕްސް އަކީ ކުދިބޮޑު އެންމެންގެ މެދުގައި ވަރަށް މަގުބޫލު، ކާލަން ފަސޭހަ އަދި އެހާމެ މީރު ކާއެއްޗެކެވެ. އެތެރެ މަޑުކޮށް ހުންނަ މި ކުޑަ ކުޑަ ކުކުޅު ތޮޅިތަކަކީ ވަރަށް މަދު އެއްޗެއް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
- 250 ގްރާމް ކުކުޅު (ކުދިކޮށް ކޮށާފައި)
- 1 ސައިސަމުސާ އިނގުރު
- ލޮނުމެދު ޕޭސްޓް
- 1/2 ސައިސަމުސާ މުގުރި އަސޭމިރުސް
- 1/2 ސައިސަމުސާ ރަތް މިރުސް
- 1 ސައިސަމުސާ ސޯޔާ ސޯސް
- ލޮނު
- 1 ބިސް
- 1/2 ޖޯޑު ފުށް
- 1/2ޖޯޑު ކޯން ފްލާ
- ބްރެޑް ކްރަމްބްސް (ކުކުޅުގައި ހޭކުމަށް)
- ތެޔޮ
ތައްޔާރު ކުރާނެގޮތް:
އެންމެ ފުރަތަމަ ކުދިކޮށް ކޮށާފައި ހުރި ކުކުޅުކޮޅު ތަށްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް އިނގުރު، ލޮނުމެދު ޕޭސްޓް، އަސޭމިރުސް، މިރުސް ސޯޔާ ސޯސް އަދި ލޮނު އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. މި މިސްކްޗަރު ގާތްގަނޑަކަށް 20 މިނެޓު ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.
ދެން ވަކި ތަށްޓެއްގައި ފުށާއި ކޯން ފްލާ އެއްކޮށްލާށެވެ. އަދި އެހެން ތަށްޓަކަށް ބިސް ގަށާލާފައި ބަހައްޓާށެވެ. މެރިނޭޓް ކުރި ކުކުޅު އެތިކޮޅުތައް ނަގައި، ފުރަތަމަ ފުށް ތަށީގެ ތެރެއަށް ލައި ފުށް ހާކާލާށެވެ. އެއަށްފަހު ބިސް ތަށީގެ ތެރެއަށް ގަންބާލާފައި، އެންމެ ފަހުން ބްރެޑް ކްރަމްބްސް ތެރޭގައި ފުރޮޅާލާށެވެ.
ހުރިހާ ކުކުޅުކޮޅެއް މިގޮތަށް ތައްޔާރުކޮށް ނިމުމުން ތަވައަކަށް ތެޔޮ އަޅައި ހޫނުކުރަން އުދާށެވެ. ތެޔޮގަނޑު ރަނގަޅަށް ހޫނުވުމުން މަޑު ގިނީގައި ބަހައްޓައިގެން ކުކުޅުކޮޅުތައް ރަން މުށިކުލަ އަރަންދެން ތެލުލާށެވެ. މިހާރު މިވަނީ ހޫނުކޮށް ކާލަން މީރު ޗިކަން ޕޮޕްސް ތައްޔާރުވެފައެވެ. މިއީ ޓޮމާޓޯ ސޯސް ނުވަތަ ޗިލީ ސޯސްއާއެކު ކާލަން ވަރަށް ފުރިހަމަ އެއްޗެކެވެ.
