ބްރައުނީއަކީ އަހަރުމެން ދިވެހީންގެ ތެރޭގައި ވަރަށް މަގުބޫލު ބާވަތަކެވެ. ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ބްރައުނީއަށް ދެވިފައިވާ މަގުބޫލުކަން އެތައް ގުނައެކެވެ. އެހެންކަމުން މިއަދު 'ޕްރެސް ބަދިގެ' ސެގްމެންޓުގައި މި ގެނެސްދެނީ ބްރައުނީ ކަމުދާ ފަރާތްތަކަށް ވަރަށް ހާއްސަ ރެސިޕީއެކެވެ.
ބްރައުނީ ކުކީސްއަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ އަދި އެކި ބާވަތުގެ ކުކީސް ކަމުދާ ފަރާތްތަކަށް ވެސް ކަމުދާނެ ޑިޝްއަކަށްވާނެކަން ޔަގީނެވެ.
ބޭނުންވާ ތަކެތި:
- 1 ޖޯޑު ބައި ކުކިން ޗޮކުލެޓު
- 1/4 ޖޯޑު ބަޓަރު
- 2 ބިސް
- 1/4 ޖޯޑު ހަކުރު
- 1/3 ޖޯޑު ބްރައުން ޝުގާ
- ލޮނު ކޮޅެއް
- 1/2 ޖޯޑު ފުއް
- 1 ސައި ސަމްސާ ބޭކިންގް ޕައުޑާ
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކުކިންގް ޗޮކްލެޓް މެލްޓް ކުރުމަށްފަހު ބަޓަރު އޭގެ ތެރެއަށް އެއްކޮށް ރަނގަޅަށް ގިރާލާނީއެވެ. އެއަށްފަހު އެހެން ތައްޓަކަށް ބިސް އަދި ހަކުރު، ބްރައުންޝުގާ، ލޮނު ކޮޅެއް އަޅާ ރަނގަޅަށް ގިރާލުމަށްފަހު ކުރިން ތައްޔާރު ކުރި ޗޮކްލެޓް މިކްސްއާއި އެއްކޮށްލާށެވެ.
ދެން ރަނގަޅަށް އެއްކޮށްލުމަށްފަހު ފުއް އަދި ބޭކިންގް ޕައުޑާ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ޓްރޭއެއްގައި ބޭކިން ޕޭޕާ އެޅުމަށްފަހު ސަމްސަލަކުން ޓްރޭއެއްގައި ކުކީ ހުންނަ ގޮތައް ދުރުދުރުގައި ޗޮކްލެޓް މިކްސް އެތުރުމަށްފަހު އަވަނުގައި ފިހެލާށެވެ. 350 ފެރެހެނައިޓްގައި 16-18 މިނެޓު ވަންދެން ފިހެލަންވާނެ އެވެ.
