ސްވިސް ރޯލަކީ ހަވީރުގެ ސައިގަޑިއަށް ނުވަތަ އެކި ކަހަލަ ޕާޓީތަކަށް އާންމުކޮށް މީހުން ތައްޔާރުކޮށްއުޅޭ މަޑުމަޑު އަދި މީރު ކޭކެކެވެ. މިއީ ވަރަށް މަދު ބާވަތްތަކެއް ބޭނުންކޮށްގެން، ކުރު ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭނެ ފޮނިކާއެއްޗެކެވެ. މިއީ ރޯދަ ވީއްލާ ގަޑީ ސުފުރާމަތި ފަޅުފިލުވާލަންވެސް އެންމެ ކަމުދާނެ ބާވަތުގެ ކޭކެއްކަން ޔަގީނެވެ.

ތިރީގައި މިވަނީ ފަސޭހަކަމާއެކު ގޭގައި ސްވިސް ރޯލް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި:

  • 4 ބިސް
  • 1/2 ޖޯޑު ހަކުރު (ހިމުންކޮށް މުގުރާފައި)
  • 1/2 ޖޯޑު ފުށް
  • 1 ސައިސަމުސާ ބޭކިންގް ޕައުޑާ
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • 2 ސައިސަމުސާ ތެޔޮ ނުވަތަ ދިޔާކޮށްފައި ހުރި ބަޓަރު
  • ވިޕްޑް ކްރީމް (ފިލިންގްގެ ގޮތުގައި ބޭނުންކުރުމަށް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރަން ޖައްސާށެވެ. އަދި ތަބަކެއްގައި ބޭކިންގް ޕޭޕަރު އަޅައި ތައްޔާރުކޮށްލާށެވެ.

ދެން ބޮޑު ތައްޓަކަށް ބިސްތައް އެޅުމަށްފަހު، ހަކުރު އަޅައިގެން ރަނގަޅަށް ގިރާށެވެ. ބިސްތައް ހުދުކުލަވެ އޮލަވަންދެން ގާތްގަނޑަކަށް 5 މިނެޓު ވަންދެން ގިރަންވާނެއެވެ. މީގެ ތެރެއަށް ވެނީލާ އެސެންސް އަދި ތެޔޮ އެޅުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ.

ދެން ފުރޭނި ފުށާއި ބޭކިންގް ޕައުޑަރު އެއްކޮށްލުމަށްފަހު، ބިސް ގިރުވި އެއްޗެހީގެ ތެރެއަށް މަޑުމަޑުން ފުށްކޮޅު އަޅަމުން ސަމުސަލަކުން އެއްކުރާށެވެ. މިގޮތަށް އެއްކުރާއިރު ބިސްގަނޑުގެ ފޮނުގަނޑު މަރުވިޔަނުދީ މަޑުމަޑުން އެއްކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ތައްޔާރުކުރި މިކްސްޗަރ ތަބަކަށް އޮއްސާލުމަށްފަހު، އެއްވަރަކަށް ފަތުރާލާށެވެ.

އެއަަށްފަހު އަވަނަށް ލައިގެން 10 އާއި 12 މިނެޓާ ދެމެދު ކޭކު ރަންކުލަ އަރަންދެން ފިހާށެވެ. ކޭކު ފިހެވުމުން އަވަނުން ނެގުމަށްފަހު ހޫނުކޮށް ހުއްޓާ ބޭކިންގް ޕޭޕަރާއެކު އޮޅާލާށެވެ (ރޯލް ކުރާށެވެ). މިގޮތަށް ހޫނުކޮށް ހުއްޓާ އޮޅާލުމުން ފަހުން ކޭކު ފަޅައިގެން ދިއުމުގެ ފުރުސަތު ކުޑަވާނެއެވެ.

ކޭކު މުޅިން ހިހޫވުމުން އޭގެ އެތެރޭގައި ޖޭމް ނުވަތަ ކްރީމް ރަނގަޅަށް އުނގުޅާށެވެ. ދެން އަލުން ކޭކު އޮޅާލާށެވެ. ބޭނުންނަމަ މައްޗަށް ހަކުރު ކޮޅެއް ބުރުއްސާލައިގެން ނުވަތަ ކްރީމުން ޒީނަތްތެރިކޮށްލެވިދާނެއެވެ. މިހާރު މިވަނީ މީރު ސްވިސް ރޯލެއް ތައްޔާރުކޮށް ނިމިފައެވެ. ކުދިކޮށް ފޮތިކޮށްލުމަށްފަހު ސުފުރާމަތީ ބަހައްޓާލާށެވެ.