މަސްޖިދުން ނެގަރާ ނުވަތަ މެލޭޝިޔާގެ ގައުމީ މިސްކިތަކީ މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ހުންނަ މިސްކިތެކެވެ. 15،000 މީހުންނަށް ޖާގައިގެ މި މިސްކިތަކީ 13 އަކަމީޓަރު (53،000 މީޓަރު) ގެ ބަގީޗާތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެ މިސްކިތުގެ މުހިންމު ސިފަތަކަކީ 73 މީޓަރު (240 ފޫޓު) އުސްމިނުގެ މުންނާރާއި ތަރިއެއްގެ ޑިޒައިނަށް 16 ބައަކަށް ފަރުމާކޮށްފައިވާ މައި ފުރާޅެވެ. މުޅި ކޮމްޕައުންޑްގައިވާ ރިފްލެކްޓިން ޕޫލްތަކާއި ފައުންޓަންތަކުން މި ސަރައްހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

އިނގިރޭސި ސަރުކާރުގެ އަތްދަށުން މެލޭޝިޔާއަށް މިނިވަންކަން ލިބުނީ އޮގަސްޓް 31، 1957 ގައެވެ. މެލޭގެ އާ ސަރުކާރުން ގައުމު އާރާސްތު ކޮށް އިގްތިސާދާ، އިޖްތިމާއީ އަދި އާކިޓެކްޗަރުގެ ދާއިރާތަކުން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގިއެވެ. އެގޮތުން 1957 ގައި ފެޑެރަލް އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމެއްގައި ގައުމުގެ މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި ގައުމީ މިސްކިތެއް އެޅުމުގެ ހިޔާލެއް ހުށަހެޅިއެވެ.

މަސްޖިދުލް ނެގަރާ ދުރުން ނަގާފައިވާ ފޮޓޯއެއް

ފެޑެރޭޝަން އޮފް މެލޭގައި ހިމެނޭ 11 ސްޓޭޓްގެ ޗީފް މިނިސްޓަރުންގެ މާޗް 5، 1958 ގައި ބޭއްވި ބައްދަލުވުމެއްގައި، ގައުމަށް މިނިވަންކަން ހޯދުމަށް މަގުދައްކައިދިނުމުގައި ބޮޑުވަޒީރު ޓުންކު އަބްދުއްރަހްމާން ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށް، މިސްކިތަށް މަސްޖިދު ޓުންކު އަބްދުއްރަހްމާން ޕުތުރާ އަލްހާޖްގެ ނަން ދިނުމަށް ހުށަހެޅިއެވެ. އެހެންނަމަވެސް ޓުންކު މި ޝަރަފަށް ދެކޮޅު ހެދިއެވެ. އަދި ލޭއޮހޮރުވުމެއް ނެތި އެގައުމަށް ސުލްހަވެރި މިނިވަންކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން އެތަނަށް މަސްޖިދު ނެގަރާގެ ނަމުން ނަން ދެއްވިއެވެ.

މި މިސްކިތް ބިނާކޮށްފައިވަނީ 1961 ވަނަ އަހަރު ސަރުކާރުން ގަތް ސަރުކާރުގެ ދެ ކުއާޓަރެއް ކަމަށްވާ ރޭލްވޭ ސާވިސަސް ކޮމިޝަންގެ އިމާރާތާއި މެސޮނިކް ލޮޖަކާއި ނާފީ ގަލޯވޭ ކްލަބާއި ވެނިން ރޯޑް ބްރެތްރެން ގޯސްޕެލް ހޯލް ހުރިތަނުގައެވެ. މި މިސްކިތުގެ އަސްލު ސްޓްރަކްޗާ ފަރުމާކޮށްފައިވަނީ ބަހާރުއްދީން އަބޫ ކާސިމް އިސްކޮށް ހުންނަވައިގެން ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުގެ ތިން މީހުންގެ ޓީމަކާ، އިކްމަލް ހިޝާމް އަލްބަކްރީ އާއި ހަވާޑް އޭޝްލީއެވެ.

މަސްޖިދުލް ނެގަރާގެ އެތެރޭގެ ފޮޓޯއެއް

މި މިސްކިތުގެ ފުރަތަމަ ބިންގާ އަޅާފައިވަނީ ފެބްރުއަރީ 27، 1963 ގައެވެ. އޭގެ ދެ އަހަރު ފަހުން އޮގަސްޓް 27، 1965 ގައި މި މިސްކިތް ހުޅުވީ ޓޫއަންކު ސައިދު ޕުޓްރާއެވެ. މިސްކިތް އެޅުމަށް 10 މިލިއަން ރިންގިޓް ހަރަދުވެފައިވެއެވެ. މި މިސްކިތުގައި 1987 ވަނަ އަހަރު ބޮޑެތި މަރާމާތުތަކެއް ކޮށްފައިވާއިރު، އެއް ޒަމާނެއްގައި ފިޔާތޮށި ކުލައިގެ ކޮންކްރީޓް ފުރާޅު މިހާރު ވަނީ ފެހި އަދި ނޫކުލައަށް ބަދަލުކޮށްފައެވެ. މި މިސްކިތުގެ ހާއްސަ ޒަމާނީ ޑިޒައިންގައި ސަގާފީ އިސްލާމީ ފަންނުގެ ކަލިގްރަފީ އާއި ޒީނަތްތެރިކުރުމުގެ ޒަމާނީ ގޮތް ގަނޑު އެކުލެވިގެންވެއެވެ.

1965 ވަނަ އަހަރު ނިމުނު މި މިސްކިތަކީ އޭރު އަލަށް މިނިވަންވި ގައުމެއްގެ އުންމީދުތައް ރަމްޒުކޮށްދޭ މިސްކިތެކެވެ. ޖުލައި 6، 2007 ގައި މިސްކިތް މަހާނައާއެކު ގައުމީ ތަރިކަ ގާނޫނު 2005 ގެ ދަށުން ތަރިކަ ތަނެއްގެ ގޮތުގައި އިއުލާން ކުރެވުނެވެ. އަދި ފަހުން ނޮވެމްބަރު 2012 ގައި ގައުމީ ތަރިކައިގެ ގެ ދަރަޖައަށް މަތިކުރިއެވެ. އޮގަސްޓް 27، 2015 ގައި މަސްޖިދުލް ނެގަރާގެ ރަންޔޫބީލް ވަނީ ފާހަގަކޮށްފަ އެވެ.