ރ. މަޑުއްވަރީ އަދި ހއ. ދިއްދޫގައި ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގައެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.
މީގެ ތެރެއިން އެއް އެއްބަސްވުމަކީ ހއ. ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. ފެޑޯ ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު މި އެއްބަސްވުމުގައި، ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު އަލީ ވަސީއުއެވެ.
މީގެއިތުރުން ރ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށްވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމަކީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެކެވެ. އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑައިރެކްޓަރު ސައުދުﷲ ހިލްމީއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އުމުރާނީ ވަސީލަތްތައް ގާއިމުކޮށް، ފުލުހުންގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އަތޮޅުތެރޭގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއުތަކެއްކަމަށެވެ.
