އިބްޒީމާ ކަމަކު ބުނާއިރު އޭގެފަހަތުގައި އޭނާގެ އަމިއްލަ އެދުމެއް އޮންނާނެ ކަމަކީ ޝައްކެއްވެސް ވާނެކަމެއް ނޫނެވެ. އިބްޒީމާ އެދޭ ކަމަކަށް އެއްބަސްވުމުގެ ކުރިން އޭނާގެ މި ކުޅިވަރަށް ވުރެ މޮޅު ކުޅިވަރަކަށް ތައްޔާރުވެގެން ހުރި ރޫފަސްގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
އިބްޒީމާ ވާހަކަ ދައްކަން ބޭނުންވެފައި ހުރި ނަމަވެސް އެވަގުތު އިބްޒީމާގެ ވާހަކަ މެދުކެނޑުމަކަށް އައީ އެގެއަށް މީހަކު ވަތްކަމުގެ އިހްސާސްވުމުންނެވެ. ވަލުފަތާރުގައިވާ ގަސްތަކުތެރޭ ހުރެ އިބްޒީމާ ބަލާލީ އެގޭތެރެއަށް ވަދެގެން އަންނަ މީހަކީ ކާކުތޯ ބެލުމުގެ ބޭނުމުގައެވެ.
"އަވަހަށް ދޭ... އެ އައީ ޒަމާންވީ ކަލޭގެ ލޯބިވެރިޔާއެއްނު..." ހިނިގަނޑެއް ޖަހާލަމުން ރޫފަސް މިހެން ބުނުމާއެކީ އިބްޒީމާ ދެލޯ ބޮޑުކޮށްލަމުން ރޫފަސްއާ ދިމާއަށް އެނބުރުނެވެ.
"ކީކޭ ކިޔާނަމޭތަ ތިއުޅެނީ.. މަގޭ ނުހުންނާނެ ލޯބިވެރިއެއް... ފާޑުފާޑުގެ ވާހަކަ ދައްކަން ނުހަދައްޗޭ..." އިބްޒީމާގެ ރުޅިގަނޑު ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ.
"ހާދަ ރުޅިއެއް... ދެންވެސް ތިކުރަން އުޅޭކަމެއް ކުރަންދޭ.. އޭނަ އެބަހުރި ލަސްވެފަ.. މިތަނަށް އޭނަ އައިސްގެން ކަމެއް ފަޅާއަރަން ބޭނުންވަނީތަ.." ރޫފަސްގެ މޫނުމަތިން ހާސްކަމުގެ އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ. އޭނާގެ ހިިނިގަނޑާއެކު ވާހަކައިގެ ރާގު ހުރިގޮތުން އިބްޒީމާއާ އޭނާ ސަމާސާ ކުރަނީހެން ވެސް ހީވިއެވެ.
"މިރޭ އަދި އަހަރެން ކަލެއާ ބައްދަލުކުރާނަން..." ހައުސްކޯޓުގަނޑު އަރުވާ ޖަހައިގެން ހުރެ އިބްޒީމާ ގޭތެރެއަށް ވަންނަ މިސްރާބު ޖެހިއިރު އެދިމާއަށް ރޫފަސް ބަލަން ހުރީ ނުލަފާ ޒާތަކަށް ހިނި އައިސްފައެވެ. އިބްޒީމާގެ އަތުގައި މި ކުޅިގަނޑު ކުޅުމުގެ ބާރު ނެތްކަން ރޫފަސްއަށް ކަށަވަރުވެގެން ދިޔައެވެ.
*** *** *** *** *** ***
އެހެން ރޭތަކާއި ހިލާފަށް މިރޭގެ މަސައްކަތުގައި ދެމީހުންއެކީ ލަތީފާމެން ގެއަށް ދިޔައިރު ކަމަކާ އިބްޒީމާ ހިތްހަމަ ނުޖެހިފައި ހުރިކަން ޟިރާރަަށް ފާހަގަވިއެވެ. ވެފައި ހުރި ގޮތެއް ބަލާލަން ޟިރާރު ސުވާލުކޮށްލީ އިބްޒީމާގެ ފަރާތުން ޖަވާބެއް ލިބޭނެކަމުގެ އުންމީދުގައެއް ނޫނެވެ. "ކިހިނެއްވެފަ ތިހުރީ.. އަނެއްކާ ބަލީތަ؟.."
ދެލޯ އަޅާލަމުން ޟިރާރާ ދިމާއަށް އިބްޒީމާ ބަލާލިއިރު އޭނާގެ ދެލޮލުގައިވާ ރަތްކަން ފެނި ޟިރާރަށް ފަހަތަށް ޖެހެވުނެވެ. "ތިހުރީ ޖިންނި އަވަލާފަތަ؟.." ޟިރާރު އެހެން ބުނީކީ ކޮންމެހެން އިބްޒީމާ އިތުރަށް ރުޅިއަރުވާކަށް ނޫނޭވެ. ނަމަވެސް އެ ސުވާލުން އިބްޒީމާގެ ލޭ ދެގުނައަށް ކައްކުވާލިއެވެ.
"ބުނަން ރަނގަޅު ވާހަކައެއް... ކަލޭގެ ސުންޕާކަމާ ހުރެ މަށަށް މިހާރުވެސް ޖެހެމުންދާ ބަލާވެރިކަން ކުޑައެއް ނޫން... މީ ކަލެއަށް މަ ކޮށްދޭ އެންމެ ފަހު ކަންތައް... މިރެއިން މިރެއަށް މަ ބޭނުމީ މިކަންކޮށް ނިއްމާލަން..." ގޮށްމުށްކަވާފައިވާ އަތް ޟިރާރުގެ މޫނާ ދިމާއަށް ހުރަސްކޮށްލަމުން އިބްޒީމާ ވާހަކަ ދެއްކި އިރު ހީވީ ދެންމެ ދެންމެ ޟިރާރުގެ މޫނުމަތީގައި ހޫނު އެތިފަހަރެއް ޖަހަން އުޅުނު ހެންނެވެ.
ލަތީފާމެން ގެއަށް ވަދެވުމުން އިބްޒީމާ އަވަސްވެގަތީ އޭނާ ކުރަން އައި މަސައްކަތް ފުރިހަމަ ކުރާށެވެ. ސީމާ އޮތް ކޮޓަރިއަށް ދެމީހުން ވަދެ އެކޮޓަރީގެ ދޮރު ލައްޕާލިއިރު ފެންޑާތެރޭ ތިބި ލަތީފާއާ ޝާކިރުގެ މޫނަށް ޟީރާރު ބަލާލިއެވެ. އެ ބެލުމުން ވެސް ކަމެއް ގޯސްވާން އުޅޭކަން ލަތީފާއަށް އިހްސާސްވީ ކީއްވެކަމެއް ނޭނގެއެވެ.
*** *** *** *** *** ***
ގަޑިން ދޭއް ޖެހުމާއެކީ ނައުރީން އޭނާގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ނަގާ އެއްފަރާތަކަށް ހޫރާލީ ފޫހި ގޮތަކަށެވެ. އެނދުމަތިން ތެދުވެ ލައިގެން ހުރި ނިދާހެދުމާއެކީ އޭނާ މިސްރާބުޖެހީ ގެއިން ބޭރަށް ނިކުމެގެން ދާށެވެ. ހޭވިފައިވާ އިސްތަށިގަނޑު އޮމާން ކުރާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ބުރުގާ އަޅާ މީހަކަށް ވިޔަސް އޭނާގެ ބޯ ނިވާކުރާކަށް ގަސްތެއް ވެސް ނުކުރެއެވެ.
ބުދެއްހެން ހިނގާފައި އޭނާ ކޮޓަރިން ނިކުމެ ބޭރަށް ނިކުމެވެން ހުރި ދޮރާ ދިމާއަށް މިސްރާބުޖެހި އިރު ގޭތެރޭގައި މީހަކު ހޭލައި އުޅޭތޯ ބަލާލަން ވެސް ބޭނުން ނުވާ ކަހަލައެވެ. ހުސްފައިގައި ގޯތި ތެރެއިން ނިކުމެ އޭނާ ހިނގައިގަތީ ދަންވަރުގެ އެ ހަމަހިމޭން މަގުތަކުން އެއްވެސް ޖެހިލުމެއް ނެތިއެވެ.
ބަދިގެ ތެރެއިން ފެންފުޅިއަކަށް ފެންއަޅައިގެން ނިކުތް ޝީންއަށް އޭނާގެ މަންމަ ނިކުތް ތަން ސާފުކޮށް ފެނުނެވެ. ޝީންއަށް އެހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފައި ބަލަން ހުރެވުނީ އޭނާގެ މަންމަ ބުރުގާ ނާޅާ މިއޮއް ދަންވަރު ގެއިން ބޭރަށް ނިކުންނަ ތަން ފެނުމުންނެވެ.
"މަންމާ..."
ޝީން މަޑުމަޑުން އޭނާގެ މަންމައަށް ގޮވާލީ މިއޮއް ދަންވަރު ބޭރަށް ދަނީ ކީއްކުރަންތޯ ބަލާށެވެ. ނަމަވެސް ޝީންގެ އަޑު މަންމަގެ ކަންފަތަށް ވާސިލްނުވީތާއެވެ. ފަސްއެނބުރި ބެލުމެއް ނެތި ނައުރީން މަގު މައްޗަށް ނިކުތް ކަން އެނގުމުން ޝީން ފެންފުޅި ކޮޓަރިއަށް ލުމަށްފަހު އަވަސްވެގަތީ މަންމަ ދާތަނެއް ބެލުމުގެ ބޭނުމުގައެވެ. ގޯތިތެރެއަށް ނިކުތުމަށްފަހު ޝީންގެ ހަށިގަނޑުގައި ޖެހުނު ފިނި ވައިރޯޅީގެ ސަބަބުން މޭދަށުން ދެއަތް ހުރަސްކޮށްލެވުނީ ހީކަރުވައި ގަތުމުންނެވެ.
ގޯތިތެރެއަށް ޝީން ނަޒަރު ހިންގާލުމަށްފަހު މަގުމައްޗަށް ނިކުމެ މަގުގެ ދެކޮޅު އޭނާ ބަލާލިއެވެ. ނަމަވެސް ނައުރީން އެއިން ހިސާބުން ފެންނަން ނެތުމުން މަގުގެ ދެކޮޅު ބަލަން ހުރި ޝީންއަށް ޖެހުނީ މާޔޫސްކަމާއެކީ ގޭތެރެއަށް ވަންނާށެވެ. އެކި ހިޔާލުތަކުގެ ސަބަބުން ޝީންގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. ގޭތެރެއަށް ވަދެގެން އައިސް ނައުރީންގެ ކޮޓަރިއާ އަރާ ހަމަވުމުން އެކޮޓަރީގެ ދޮރާ ދިމާއަށް ޝީންއަށް ބަލާލެވުނީ ހިތުގައި އުފެދެމުން ދިޔަ ޝައްކު ޔަގީން ކުރާށެވެ.
އެއްކޮށް ނުލެއްޕި ހުރި ދޮރުގައި އަތް ޖައްސާލަމުން ދޮރު ހުޅުވާލަން ޝީންގެ އަތަށް ލީ ކުޑަބާރަކާ އެކީ އެދޮރު ކޮންމެވެސް ވަރަކަށް ހުޅުވިގެން ދިޔައެވެ. އެނދުގައި ނިދާފައި އޮތް އަޒީމްއާ ދިމާއަށް ބަލާލުމަށްފަހު އެކޮޓަރީގެ ދޮރު ޝީން ލައްޕާލި އިރު ޝީންގެ ހިތަށް އުނދަގޫތަކެއް ކޮށްފިއެވެ. އޭނާގެ ބައްޕަ ނިދާފައި އޮއްވާ މަންމަ އެކަނިމާއެކަނި ބޭރަށް ދާން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
*** *** *** *** *** ***
"ޝާކިރޫ... އަޅެ މިރޭ ހާދަ ލަހެކޭ މިވަނީ... ވާގޮތެއް ބަލާލަންވީނު... އެމަންޖެ ދެންމެ ހާދަ ބާރަކަށް ހަޅޭއްލެވިއޭ... މިހާރު އަޑެއް ބަޑެއް ނީވޭތާ ހާދަ އިރެއް ވެއްޖެއޭ..." ޝާކިރުގެ އަތުގައި ހިފާ ތަޅުވާލަމުން ލަތީފާ ވާހަކަދެއްކި އިރު އޭނާގެ ކަޅި އަމާޒުވެފައި ވަނީ ސީމާގެ ކޮޓަރިއަށެވެ.
ޟިރާރުމެންގެ އިޝާރާތެއް ވަންދެން މަޑުކޮށްގެން ތިބުމަށް ޝާކިރު އެދުމުން ލަތީފާ ހަށަންބަނދެލީ އޭނާއަށް ވަމުންދިޔަ އުނދަގޫތައް ޝާކިރަށް ހާމަވެދާނެތީއެވެ. މިރޭ ޟިރާރުގެ ބެލުމުގައި ހުރި ތަފާތުކަމުން ލަތީފާއަށް ކަމެއް ގޯސްވެދާނެއޭ ހީވަނީއެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ރޯނުއެނދުގައި އިށީނދެގެން ތިބި ލަތީފާ އާއި ޝާކިރު ތެދުވަމުން އެކޮޓަރީގެ ދޮރާ ދިމާއަށް ބަލާލިއެވެ. ގެނައި ސާމާނުތަކާ އެކީ އިބްޒީމާ އާއި ޟިރާރު އެތަނުން ނިކުމެ އެ ދެމަފިރިންނާ ދިމާއަށް ބަލާލިއެވެ.
"ކޮބާ ސީމާ؟.." ކެތްތެރިކަން ކޮޅުންލާފައިވާ ހާލުގައި ލަތީފާ ސުވާލުކޮށްލީ އިބްޒީމާއާ ދިމާއަށް ބަލާލަމުންނެވެ.
"ހުރިހާ ކަމެއް މި ނިމުނީ... މިހާރު އެ މަންޖެއަށް އޮތީ ނިދިފަ... ރަނގަޅު ނިންޖާ އަރާމް ބޭނުންވާނެ..." ޝާކިރުއާ ސަލާމްކޮށްލަމުން ލަތީފާ ކުރި ސުވާލުތަކަށް ޖަވާބު ދިނީ ޟީރާރެވެ. ޟީރާރާ އެކީ އިބްޒީމާ އެގެއިން ނިކުތް އިރު އެމީހުންގެ ފަހަތުން ޝާކިރު ނިކުތީ ޟިރާރުއާ ވާހަކަ ދައްކަމުންނެވެ. "ޟިރާރު ތި ކޮށްދިން ކަންތައް އަހަރެން ހަނދާނުގަ އަބަަދަށް ހުންނާނެ.. ވަރަށް ބޮޑަށް ޝުކުރިއްޔާ..."
ވަށްކަޅިން ޟީރާރުގެ މޫނަށް އިބްޒީމާ ބަލަން ހުރި އިރު އޭނާގެ ފުސް މޫނަށް ލުއި ހިނިތުންވުމެއް ގެނުވީ ޝާކިރު އޭނައާ ދިމާއަށް ބަލާލުމުންނެވެ.
*** *** *** *** *** ***
އިބްޒީމާމެން ގެއާ ހަމައަށް އާދެވުމާއެކީ ދުރުދުރުގައި ބޮޑެތި ފިޔަވަޅުތައް އަޅަމުން އިބްޒީމާ ގެއަށް ވަންނަން ދިޔައީ ޟިރާރާ ދިމާއަށް ބަލާލާފައެވެ. "ދެން ދިޔައީ... އަހަރެން މިހުރީ ވަރަށް ވަރުބަލިވެފަ... ކަލޭވެސް ދެން ދޭ ގެއަށް..." މި ގަޑީގައި އިބްޒީމާމެން ގެއަށް ޟިރާރު ވަންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ބާރު ހިނގުމެއްގައި އައިސް ގެއަށް ވަދެވުމާ އެކީ އޭނާގެ އަތުގައި ހުރި ކޮތަޅުބޮނޑި ކޮޓަރިއަށް ލުމަށްފަހު ބޭރަށް ނިކުތީ ރޫފަސްއާ ބައްދަލު ކުރާށެވެ.
ގޭގެ ބިށްދޮށް ފަރާތަށް މިސްރާބުޖެހި އިބްޒީމާގެ ކަޅި ގޯތިތެރެއަށް ހިނގާލަމުން ތުންތަޅުވާލިއެވެ. ގަސްތަކާ ހަމައަށް އާދެވުމާއެކީ އޭނާ ރޫފަސްގެ ނަމުން ގޮވާލީ އެ ހިސާބުން އޭނާއަށް ރޫހާނީ އެއްޗެއްގެ އިހްސާސް ވުމުންނެވެ.
"ހޫން.. ދެން ބުނެބަލަ... ކޮން މަސައްކަތެއް ބާ.. ބުނީމަ ދޯ ވާނެކަމާ ނުވާނެކަން ވެސް އެނގޭނީ..." އިބްޒީމާގެ ކުރިމައްޗަށް ފާޅުވަމުން ރޫފަސް ވާހަކަ ދެއްކިއިރު އިބްޒީމާ އެދުނު މަސައްކަތުގެ ވާހަކައަކީ މަންޝާއަށް ގެއްލުމެއް ވެދާނެ ކަމެއް ބާވައޭ އޭނާގެ ހިތަށް އެރިއެވެ.
"މަންޝާގެ ދިރިއުޅުމުން ބައެއް ހަނދާން ނެތިފަ ހުރީ... އޭނާގެ އެ ހަނދާންތައް އާވަމުން ދާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް... އެކަމުގެ ސަބަބުން ކަލެއަށް މަންޝާ ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެއް... މަމި ދައްކާ ވާހަކަތައް ކަނުލާ އަޑުއަހާފަ ޖަވާބެއް ދޭނީ... މަ ވެސް ބޭނުމެއް ނޫން އަހަރެމެން ދެމީހުންނަށް ފައިދާއެއް ނުވާނެ ގޮތަކަށް ކަންތައް ކުރާކަށް... އެކަންތައް އެހެން ވިޔަ ނުދޭން އަހަރެން ވަރަށް ވަރުގަދަ ފަންޑިތައެއް ހެދިން. މިހާރު އޭގެ އަޖަލުހަމަވީ ތޯއްޗެއް... އެ ފަންޑިތަ އާކުރަން މަ ބޭނުމީ ނޫނީ އެއަށްވުރެ ބޮޑު ކަމެއް ކުރަން ބޭނުމީ... ކަލެއަށް ފެންނަ ގޮތެއް ބުނެބަލަ..."
އިބްޒީމާގެ ބޭނުން އޭނާ ހާމަކުރަމުން ދިޔައިރު ވެސް އޭނަ މަންޝާއަށް ހަދާފައިވާ ފަންޑިތައިގެ ތަފްސީލަކަށް ދާކަށް ބޭނުމެއް ނުވިއެވެ. ރޫފަސްގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި ހުރި އިބްޒީމާއާ ކުރިމަތިލަމުން ރޫފަސް ވާހަކަ ދެއްކީ ސީދާ އިބްޒީމާގެ ލޮލަށް ބަލަމުންނެވެ.
"މަށަށް މަންޝާއާ ބެހޭ ކިތަންމެ ކަމެއް އެނގޭ... އަޒީމް ނޫން އެހެން މީހަކު ދެކެ އޭނާ ލޯބިވާ ކަން ވެސް އެނގޭ... ކަލޭ ކިޔައި ނުދިނަސް މަށަށް އެނގޭ އެއީކަން އަހަންނަށް މަންޝާއާ ގާތްނުވެވިގެން މިއުޅޭ ސަބަބަކީ.. އެކަމަކު މިހާރު އަހަރެން މިހުރީ މަންޝާ ހާސިލް ކުރެވޭނެ ގޮތަށް ތައްޔާރުވެގެން.. މަ މިހުރީ އޭނަ އެންމެ ލޯބިވާ މީހާގެ އަސްލު ސިފަ ޖެހިގެން... މަންޝާގެ ލޯބި އަހަންނަށް ހާސިލް ވެއްޖިއްޔާ މަންޝާއަށް އެހެން މީހަކާ ގާތް ނުވެވޭނެ... އޭރުން ތި ބުނާ އޭނާގެ މާޒީގެ ހަނދާންތަކަށް ވެސް ދެން ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ..." ރޫފަސް މޭ ފުއްޕާލަމުން ވާހަކަ ދައްކަމުން ދިޔައެވެ.
"ތިކަމުގެ ތެރެއިން ޖިންނި އާއިލާގެ ކަމަކާ ކަލޭ ކުރިމަތިލާން ޖެހުނަސް ހެވޭތަ ތި ބުނަނީ..." ރޫފަސްގެ އަޒުމް ހުރި ހިސާބެއް ބަލާލަން އިބްޒީމާ ބޭނުންވިއެވެ.
"މަގޭ ނަސްލުގެ މީހަކަސް... އިންސާނަކަސް.. އަހަރެމެންގެ ދޭތެރެއަށް ވަންނަން އުޅޭ މީހެއްގެ ވަސްވެސް މިދުނިޔެއިން ފޮހެލާނަން... މަށަކީ ކިހާވަރެއްގެ މީހެއްކަން ކަލެއަށް ކިޔައިދޭކަށް ނުޖެހޭނެ... ކަލޭގެ އެންމެ ބޮޑު ސިއްރު ސިއްރެއްގެ ގޮތުގައި އެއޮތީވެސް މަށާ ހެދިކަން ހަނދާން ބަހައްޓާތި..." އިބްޒީމާއާ ދިމާއަށް ދެލޯ ބޮޑުކޮށްލަމުން ރޫފަސް ވާހަކަ ދެއްކި އިރު އޭނާގެ ދެލޯ ރަތް ކުލައިން ދިއްލުނެވެ. އެރަތް ދެލޯ ފެނުމުން އިބްޒީމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވިއެވެ.
"އަދި ބުނަން ވާހަކައެއް... ކަލޭ ނަމަނަމަ މަންޝާއަށް އިތުރު ފަންޑިތައެއް ނޫނީ ސިހުރެއް ހަދައިފިއްޔާ ކަލޭގެ ދުވަސް ވެސް ދުއްވާލާނަން... މީ މަދޭ އިންޒާރެކޭ ހީކޮށްލާ..." ކުއްލިއަކަށް ރޫފަސްގެ އަޑު ބަދަލުވެ ބަރުވެގެން ދިއުމުން އިބްޒީމާއަށް ފަހަތަށް ޖެހެވުނެވެ. ވިދާލި ވިދުވަރާއެކީ މުޅިތަނަށް ހުދު އަލިކަމެއް ފެތުރިގެން ދިޔަ ވަގުތު އިބްޒީމާގެ އެސްފިޔަތައް ލައްޕާލީ ދެލޮލަށް އުނދަގޫވުމުންނެވެ. ދެލޯ ހުޅުވާލަމުން ރޫފަސްއާ މުޚާތަބުކޮށް އެއްޗެއް ބުނަން އިބްޒީމާ އަނގަ ހުޅުވާލި އިރު އިބްޒީމާ ކުރިމަތީ ހުރި ރޫފަސް އެތާކު ފެންނާކަށް ނެތެވެ.
ގޭތެރެއަށް ވަދެގެން ދިޔަ އިބްޒީމާގެ ބޮލުގައި އިތުރު ރިހުމެއް އުފެދިއްޖެއެވެ. ރޫފަސް ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެ މާރިދު އިބްޒީމާއަށް އެހާ ވަރުގަދަ އިންޒާރެއް ދީފައި ދިއުމުން އިބްޒީމާގެ ލޮލަށް ދިޔައީ ނަފްރަތުގެ ހޫނުން ކަރުނަ ޖަމާވަމުންނެވެ. އޭނާގެ އުމުރުން މިވީހާ ދުވަހު އޭނާ ކުރިމަތިލީ އެއްވެސް ޖިންނިއަކަށް ރަންކަނިޖަހާފަ ބޮޑާވާކަށް ނުކެރެއެވެ. އެކަމަކު މީ މިފަދަ ޒާތަކަށް ރޫފަސްގެ ބާރުވެރިކަން ދައްކާލި ދެވަނަ ފަހަރެވެ.
ކޮޓަރިއަށް ވަދެވުމާއެކީ އިބްޒީމާ އަތުހުރި ބާރެއްލާ ދޮރުޖާހާލި އިރު އޭނާ ހުރީ ހޭބުއްދި ފިލައިދާ ވަަރަށް ރުޅި އައިސްފައެވެ. ކޮޓަރިތެރޭ ހުރި މޭޒުމަތީގައިވާ ފޮތްތައް އަތުން ޖަހާ އޭނާ ބުރުވާލިއެވެ. އޭނާގެ އަމިއްލަ އެދުމަކަށް ރޫފަސް ހާޒިރުކޮށް އޭނާއަށް ކަމެއް ހަވާލުކުރެވުނު މޮޔައޭ ހިތަށް އެރިއެވެ. އިބްޒީމާއަކީ ދުވަހަކުވެސް މީހެއްގެ ދަށުވެގެން އުޅެން ބޭނުންވާ އަންހެނެއް ނޫނެވެ. ގައިހުރި ބާރަށް ބިންމައްޗަށް ތިރިވެ އިބްޒީމާގެ ކަކޫ ބަންލާފައި ތަޅުންމަތީ ޖެހުނު ވަގުތު އޭނާގެ ކަރުބުޑުން ނިކުތް ހަޅޭކުގެ އަޑު މުޅި ތަނަށް ފެތުރިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް ޖިންނިއެއްގެ ކުރިމަތީ އޭނާ ބަލިކަށިވާން ޖެހުނު ދުވަސް އިބްޒީމާގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ.
*** *** *** *** *** ***
ރުޅި އައިސްގެން ގޭތެރޭގައި ދެއަތަށް ހިނގަހިނގާ ހުރި އިބްޒީމާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ. އޭނާގެ ދަރިފުޅަށް ހުރިހާ ކަމެއް އެނގޭކަށް ބޭނުމެއް ނޫނެވެ. ވިހި އަހަރުވަންދެން އެންމެންގެ ލޯމައްޗަށް ފޮރުވިފައިވާ ބޮޑު ސިއްރު ހާމަވެދާނެތީ އިބްޒީމާ ރުޅިގަދަ ވިއެވެ. ބާރުގަދަ ޖިންނިއެއް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށްގެން އޭނާ އެހުރީ އެ ޖިންނިއެއް ފާޅުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ގޭ ފުރާޅު މައްޗަށް އެއްޗެއް ވެއްޓުނު އަޑު އިވުމާ އެކީ އިބްޒީމާގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ.
"ކާކު..." އިބްޒީމާއަށް ވާހަކަ ދެއްކުނީ އިރުކޮޅެއްވީ ފަހުންނެވެ. މޭގައި އަތް އަޅައިގެން ހުރި އިބްޒީމާ ވިސްނާލިއެވެ. މި ގޮވުނީ ކިހާ ނުރައްކާތެރި ޝައިތޯނަކަށް ބާއެވެ. ބޮޑު ދެ ދަޅު ފަޅާފައިވާ ކަޅު ބިޔަ އެއްޗެއް އެ ކޮޓަރީގެ ކަނަކުން ފާޅުވާން ފެށުމުން އެދިމާއަށް އިބްޒީމާ ބަލަން ހުރީ ކަޅިޖަހާ ނުލައެވެ.
"ކީއްކުރަން މަށަށް ތި ގޮވީ؟..." ބިރުވެރިކަމެއް އެކުލެވިފައިވާ ބަރު އަޑަކުން އޭތި ވާހަކަ ދެއްކުމުން އިބްޒީމާއަށް ސިހުން ވިއެވެ.
"ތީ ކާކު.. ކަލޭގެ ނަން ހާމަ ކުރޭ؟..." ޖެހިލުންވެފައި ހުރިކަން ހާމަކުރަން ބޭނުން ނުވާތީ އިބްޒީމާ ވާހަކަ ދެއްކީ އެ މާރިދާ ގާތަށް ފިޔަވަޅެއް އަޅަމުންނެވެ.
"މަށަށް ކިޔަނީ ރޫފަސް... ކަލޭތީ ކާކު؟.. މަށަށް ގޮވީ ކޮން ބޭނުމަކު؟..." ރޫފަސްގެ ރަތްކަން ގަދަ ދެލޮލަށް ބަލަން ހުރި އިބްޒީމާގެ ބަލިކަށިކަން ހާމަވެދާނެތީ އޭނާ ފަސްޖެހުނެވެ. "މަށަކީ... ސިހުރު ހަދާ މީހެއް... މަށަށް ކިޔަނީ އިބްޒީމާ.."
އެ މަޚްލޫގު ގާތުގައި އިބްޒީމާގެ ބޭނުން ހާމަކުރުމުން އޭތި ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ. އިބްޒީމާއަށް އިނގޭހާވެސް އެއްޗަކީ މިފަދަ ކަމެއް ޖިންނިއެއް މެދުވެރިކޮށް ކުރެވޭނީ އެމީހުން ބޭނުންވާ ކަމެއް ކޮށްދިނުމުންނެެވެ. ރޫފަސް ބޭނުން ކޮންމެ ކަމެއް ކޮށްދެވިދާނެ ކަމަށް އިބްޒީމާ ބުނުމުން އޭނާ އަނެއްކާވެސް ޖަހާލީ ހިނިގަނޑެކެވެ. އިރުކޮޅެއް ފަހުން މަސައްކަތުގެ ބަދަލުގައި އޭނާ ބޭނުންވާ ކަންތައް ހާމަކުރިއެވެ. "އަހަރެން ބޭނުމީ މަންޝާ....."
(ނުނިމޭ)
