"މަންޝާ... އަޅެ އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ނަމުން ގޮވާލަބަލަ... މަންޝާ ފެނޭތޯ ވިހި އަހަރު މަސައްކަތް މި ކުރީ... މަންޝާއާ ނުލާ އުޅުމަކީ ހާދަ ބޮޑު ވޭނެކޭ... އަހަރެންގެ ހިތް ކުދިކުދިވެއްޖެ... ޒޯއީއާ މެހެކް އެއީ އަހަރެންގެ ހުރިހާވެސް ހިތްވަރަކީ... މަންޝާއާ ނުލާ ދުވަސްތައް ހޭދަކުރަން ހާދަ އުނދަގުލޭ..." ޒިބާންގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ހިފަހައްޓާކަށް އޭނަ މަސައްކަތެއް ނުކުރެއެވެ. އޭނާ ބޭނުންވީ ގަދައަށް ރޯށެވެ. އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރާށެވެ.
ޒިބާންގެ ދުލުން ބޭރުކުރަމުން ދިޔަ ލަފްޒުތައް ސާފްކޮށް ޒޯއީއަށް އަޑުއިވުނެވެ. މަންޝާއޭ ކިޔާފަ އޭނާގެ ބައްޕަ އެގޮވަނީ ކާކަށް ހެއްޔެވެ. ޒިބާން ކުރަމުން ދިޔަ ހިތާމަތައް އޭނާ ދެނެގަންނަން ބޭނުމެވެ. ގަހުން ވެއްޓިގެން އައި މަލެއް ވަޔާއެކީ ވިހުރެމުން އައިސް ވެއްޓުނީ ޒިބާންގެ އަތަށެވެ. މަލުގެ ފިޔަތަކާ ކުޅެމުންދިޔައިރު ޒިބާނަށް ކުރީގެ ހަނދާންތައް ފެންނަމުން ދިޔައެވެ. އެ ގަސްދަށުގައި މަންޝާއާ އެކީ ހޭދަކުރި އުފާވެރި ވަގުތުތައް ހަނދާންވުމުން ޒިބާންގެ ހިތް ފަޅައިގެން ދިޔައެވެ.
ޒޯއީގެ ކަރުގައި އަޅަފައިވާ ފަށަށް ބަލާލަމުން އޭގެ ފުލުގައި ޒޯއީ ހިފާ ބާރުކޮށްލިއެވެ. މި މަލާ އޭނާގެ ބައްޕައާ ގާތް ގުޅުމެއްވާކަން އޭނާއަށް އެނގުނެވެ. އެހެން ނޫންނަމަ އުފަންދުވަހުގެ ހަދިޔާއަކަށް އެ މަލުގެ ނިޝާން ހިމަނާފައިވާ ފުލެއް އެ ދެކުދިންނަށް ދިނުމުގެ ބޭނުމެއް ނެތެވެ.
އެތާ ޒޯއީ ހުރިކަން އެނގެން ބޭނުން ނުވާތީ މެހެކް ގާތަށް ދާން އޭނާ އަވަސްވެގަތެވެ.
*** *** *** *** *** ***
ފާހާނާއިން ނިކުމެ އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން މަންޝާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ހަށިގަނޑަށް އުނދަގޫތަކެއް ވަނީއެވެ. ބުނެދޭން ނޭނގޭ ޒާތުގެ ހުވަފެންތައް ފެންނަނީއެވެ. ރީތި ފިރިހެނަކާއި އެކީ އުދުހެމުން ދިޔަ މަންޒަރު އޭނާއަށް ފެނުނެވެ. ބައެއްފަހަރު އެއީ ހުވަފެނެއް ނޫނޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. އިސްތަށިގަނޑުން ތުވާލި ނައްޓާލަމުން ފުނާއަޅަން މޭޒު ދޮށަށް ގާތްވެލިއެވެ. އިސްތަށިގަނޑުން ގޮށްފިލުވަމުން ދިޔައިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ތަކުރާރުކޮށް ފެންނަމުންދާ ހުވަފެންތަކެވެ.
ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖަހާލުމުން މަންޝާއަށް ސިހުމެއް ވިއެވެ. ދޮރު ހުރީ ތަޅުނުލާކަމުން މަންޝާ ގޮވާލިއެވެ. "ކާކު؟... ޝީންތަ؟..."
މިވަގުތު އެ ދޮރުގައި ޓަކި ޖަހާނީ ޝީންކަން އެނގޭތީ ޝީންއަށް ގޮވާލިއެވެ. މަޑުމަޑުން ތަޅު އަނބުރާލަމުން ދޮރުފަތް ހުޅުވާލުމަށްފަހު ކޮޓަރިއަށް ބޯދިއްކޮށްލި ޝީން ހިނިތުންވެލިއެވެ. "ކޮންތާކަށް ދާން ތިއުޅެނީ؟... ހާދަ ދޮންވަސް ދުވެޔޭ..." މަންޝާއާ ދިމާކޮށްލަމުން ޝީން ކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ އަތުގައި އޮތް ފޯނަށް ގުޅާފައިވާ ހެޑްސެޓްގެ އެއްކޮޅު ވާތު ކަންފަތާ ގުޅާލާފައި ވިއެވެ.
"ހޫދަށް ގުޅައިގެން ދޯ ތިއުޅެނީ.." އިސްތަށިގަނޑުން ގޮށްފިލުވާލުމަށްފަހު މޭޒުމަތީ ފުނާ ބާއްވަމުން މަންޝާ ވާހަކަ ދެއްކީ ޝީންއާ ކުރިމަތިލަމުންނެވެ.
"ނޫން.. ލަވައެއް ޖަހާލަނީ މި.. ބޭނުންތަ އަޑު އަހާލަން... މީ ވަރަށް ރީތި ލަވައެއް..." ޕްލޭ ލިސްޓް ހުޅުވާލުމަށްފަހު އެލަވަ ޖަހައިދެމުން މަންޝާ އަތަށް އެ ފޯނު ދިއްކޮށްލީ ހެޑް ސެޓް ނައްޓާލަމުންނެވެ. އެލަވައިގެ އަޑު ޖެހުމާއެކީ މަންޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް އޭނާއަށް ކުރަމުން ދިޔައެވެ. މިވަނީ ކިހިނެއްކަމެއް މަންޝާއަކަށް ނޭނގުނެވެ. މަންޝާގެ ލޯމައްޗަށް ބައެއް މަންޒަރުތައް ސިފަވާން ފެށުމުން އޭނާގެ ސިކުނޑިއަށް އުނދަގޫވާ ގޮތް ވިއެވެ. ކޮޓަރިތެރޭ ދެއަތަށް ހިނގަމުން ޝީން ވާހަކަ ދައްކަމުން ދިޔައިރު އެއިން އެއްވެސް ވާހަކައެއް މަންޝާއަށް ދޭހަވާ ގޮތެއް ނުވިއެވެ.
"ހޫދު އެއީ އަސްލު ވަރަށް ނައިސް ކުއްޖެއް... މަންޝޫއަށް ހީވޭތަ ހޫދު އެއީ ރަނގަޅު ކުއްޖެއް ހެން... އޭނަ ވަރަށް ތަފާތު... ވަރަށް ރަނގަޅު ސިފަތަކެއް އެބަހުރި... ބަޓް.. ހޫދު ބުނި އޭނަ އަހަންނަށް ދޮގެއް ހެދީމޯ... އަހާ އަހާ ނުބުނި... ބުނި ވަގުތު ޖެހުނީމަ ޝީންއަށް ކިޔައިދޭނަމޯ... ބަޓް އައި ކާންޓް ވެއިޓް...." ޝީން ވާހަކަ ދައްކަ ދައްކާ ހުއްޓާ މަންޝާ އެކޮޓަރިން ނިކުމެގެން ދިޔައީއެވެ. ޝީން ޖަހާފައިވާ ލަވައެއްގެ ސަބަބުން މަންޝާގެ ބޮލަށް އުނދަގޫވީއެވެ. ހިތް ތެޅި ފޮޅެމުންދިޔައިރު ހީވީ މޭ ފަޅާފައި ހިތް ނުކުމެ ދާނެހެންނެވެ.
ގެއިން ނިކުތް މަންޝާ ހަމައަށް ނޭވާލާން މަސައްކަތް ކުރަމުން ދިޔައިރުވެސް އެނާއަށް ފެންނަމުންދިޔަ ބައެއް މަންޒަރުތައް އުނދަގޫ ކުރަމުން ދިޔައެވެ. އެގޭ ދޮރުމައްޗަށް ސައިކަލެއް މަޑުކޮށްލުމުން އެ ދިމާއަށް މަންޝާ ބަލާލިއެވެ. އޭނާއަށް ފެންނަމުން ދިޔަ މަންޒަރުތަކާއި ގުޅުން ހުރި ޒުވާނެއް އޭނާގެ ކުރިމަތީގައި ހުރުމުން ހައިރާންކަމެއް ލިބުނެވެ. މަންޝާގެ ބޮލުގެ ރިހުން ގަދަވަމުން ދިޔައެވެ. ނަމަވެސް އޭނާގެ ހުވަފެނުން ފެންނަމުން ދިޔަ މަންޒަރުތަކަކީ ހަގީގަތެއްތޯ ބަލަން ބޭނުންވިއެވެ. ކުރިއަށް ފިޔަވަޅުއަޅަމުން ގޮސް މައިދޮރާ ހަމަވިއިރު ސައިކަލުމަތީ ތިބި ދެ ޒުވާނުން މަންޝާއާ ދިމާއަށް ބަލާލާފަ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
ސައިކަލު ފަހަތުގައި އިން ހޫދު ސައިކަލުން ފައިބަމުން މަންޝާ ގާތު ޝީން ކޮބާތޯ އަހާލިއެވެ. ހޫދުއާ ދިމާއަށް މަންޝާ އެއްފަހަރުވެސް ބަލައެއް ނުލައެވެ. އޭނާ ކުރިއަށް ހިނގަމުން ގޮސް ހުއްޓުނީ ސައިކަލުގެ ކުރީގައި އިން ޒުވާނާ ކުރިމައްޗަށެވެ.
މަންޝާގެ ހަރަކާތްހުރި ގޮތުން ހޫދަށް ކަމެއް ގޯސްވެއްޖެކަން ދެނެގަންނަން އެނގުނެވެ. މަންޝާއަށް ގޮވާލުމުންވެސް އޭނާއަށް އެތާ އިތުރު މީހަކު ހުރިކަން ރޭކާނުލިއެވެ. މަންޝާގެ ހަރަކާތް ހުރިގޮތް ފެނި ކިޝަން ދެލޯ ބޮޑުވިއެވެ. އޭނާ އައިސް ކިޝަންގެ މޫނުގައި ފިރުމާލުމުން ތަންކޮޅެއް ދުރަށް ކިޝަން ޖެހިލީ އޭނާއަށް އުނދަގޫކަމެއް އިހްސާސް ވުމުންނެވެ.
"ޒި... ޒި.... އަޅެ ތީނައަށް ކިޔަނީ ކޮން ނަމެއްތަ؟..." އެ ޒުވާނާގެ ނަން ހަނދާންކުރަން މަންޝާ މަސައްކަތް ކުރަމުން ދިޔައެވެ.
"ކޮން ޒިޒި އެއް ކިޔާކަށް.. މަށަށް ކިޔަނީ ކިޝަން.." މަންޝާގެ އަތް ފޮޅުވާލަމުން ކިޝަން ވާހަކަ ދެއްކީ ހިތްހަމަނުޖެހުމުގެ ރާގަަކަށެވެ. ކިޝަން ސައިކަލު ދުއްވާލަމުން ދެއަތަށް ބޯ ހޫރުވާލިއެވެ. ކިޝަން ދާން ފެށުމުން މަންޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެއީ އޭނާއަށް ހުވަފެނުގައި މިހާރު ފެންނަ މޫނެވެ. އެ ސޫރަ ފެނުމުން ނޭނގޭ ކަހަލަ އިހްސާސްތަކެއް އޭނާއަށް ކުރަނީ ކީއްވެކަން ބުނެދޭކަށް ނޭނގެއެވެ. އެ ސޫރަ ފެނުމުން އޭނާގެ ހިތުގެ ވިންދު އަވަސްވަނީ ކީއްވެކަމެއް ނޭނގެއެވެ.
އެނގޭހާވެސް އެއްޗަކީ އެ ޒުވާނާއަކީ މަންޝާއަށް ވަރަށް ހާއްސަ މީހެއް ކަމެވެ. ބޮލަށް ތަދުވާން ފެށުމުން މަންޝާ އޭނާގެ ބޮލުގައި ހިފެހެއްޓިއެވެ. މީހާ އަރިއަޅާލަން އުޅުނެވެ. މޫނުމައްޗަށް އަނދިރިވާހެން ވެސް ހީވިއެވެ. ގައިން ވަރު ދޫވެ ބިންމައްޗަށް ނުވެއްޓެނީސް މަންޝާގެ ހަށިގަނޑުގައި ހޫދު ހިފެހެއްޓިއެވެ.
ގެއިން ނިކުމެ ނިކުމެ ހުރި ޝީންއަށް ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މަންޝާގެ ހަށިގަނޑުގައި ހޫދު ހިފަހައްޓައިގެން ހުރިތަން ފެނުމުން ޝީންގެ ފިޔަވަޅު އެދިމާއަށް އަވަސްކޮށްލިއެވެ.
"މަންޝޫ... ކިހިނެއްވީ؟..." މަންޝާގެ ގައިގާ ހިފަހައްޓަމުން ހޫދުގެ މޫނަށް ޝީން ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.
"ނޭނގެ... ބޮލަށް އެނބުރުން އެރީ ތޯއްޗެއް؟..." މަންޝާއަށް ވީ ކިހިނެއްކަން ހޫދަށް ނޭނގުނަސް ކިޝަން އާި މަންޝާއާ ދެމެދު ކަންތައްގަނޑެއްވާކަން އޭނާއަށް އެނގުމުން އެކަމުގެ ހަގީގަތް ހޯދަން ބޭނުންވިއެވެ. ނިތްކުރީގައި ފިރުމަމުން ބަރުވެފައިވާ އެސްފިޔަތައް ހުޅުވާލި އިރުގެ ދޯދި މޫނަށް އެޅިފައިވުމުން މަންޝާ ދެލޯ ހަނިކޮށްލިއެވެ.
މަންޝާގެ ކޮނޑުގައި ހިފާލަމުން ގޭތެރެއަށް ވަނުމަށް ޝީން އެދުނެވެ. ގޭތެރެއަށް ވަންނަން ދިޔަ އިރުވެސް އޭނާ ވަށައިގެން ހޯދަމުން ދިޔައެވެ. މަންޝާ ކޮޓަރިއަށް ގެންދިއުމަށްފަހު އެނދުގައި އޭނާ ބޭންދިއެވެ. ހޫދު ކައިރީ އެތާ މަޑުކުރުމަށް އެދެމުން ޝީން ބަދިގެއާ ދިމާއަށް މިސްރާބުޖެހީ މަންޝާއަށް ފެންފޮދެއް ގެނެސްދޭށެވެ.
"އެއީ ހޫދު ދަންނަ މީހެއް ދޯ.. އޭނާ އަހަރެން ދެކެ އެހާ ރުޅި އަންނަނީ ކީއްވެތަ؟ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟.." ފެންކަޅިވެފައި އިނދެ މަންޝާ ވާހަކަ ދައްކަމުން ދިޔަ އިރު އެދެމެދުގައި ހާއްސަ ގުޅުމެއް ވާކަން ފާހަގަވިއެވެ. ނަމަވެސް ކިޝަންއަކީ އެހާ ގޯސް މީހެއް ނޫނެވެ. އެންމެ ފުރަތަމަ މަންޝާ ފެނުނު ދުވަހުވެސް މަންޝާއާ ދޭތެރޭ އޭނާގެ މާ ބޮޑު ޝައުގެއް ނެތްކަން ހޫދަށް ވަނީ އެނގިފައެވެ. މަންޝާއަކީ މޮޔައެކޭ ބުނެ ކިޝަން ދައްކާފައިވާ ވާހަކައިން ހޫދަށް ވަނީ އެކަން ވަރަށް ރަނގަޅަށް އޮޅުންފިލާފައެވެ.
ވިސްނުމަކަށް ގެއްލިފައިން ހުރި ހޫދުގެ އަތުގައި މަންޝާ ހިފާލުމުން އޭނާއަށް ސިހުމެއް ލިބުނެވެ. "އޭނަ އަހަރެންދެކެ ރުޅިއައިސްފަ ދޯ ހުރީ... ރީއްޗަށް ބުނެބަލަ..."
މަންޝާ އަނެއްކާވެސް އެސުވާލުކޮށްލުމުން ހޫދު އެއް އަތުން އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. "މަންޝާ ދައްތަދެކެ އޭނާ ރުޅިއެއް ނާދޭ... މާ ބިޒީކޮށް މިދުވަސްކޮޅު އުޅޭތީ މޫޑީވެފަ އެހުންނަނީ..."
"އަހަރެންނަށް ބައެއް ކަންތައްތައް ހަނދާން ނުވަނީ ކީއްވެތަ.. އޭނައަކީ ވަރަށް ހާއްސަ މީހެކޭ.. މަށަށް އެހެން ނުހަދާނެ... އޭނަ އަހަަރެން ހިތުގައެއް ނުޖައްސާނެ..." ކުޑަކުއްޖެއްހެން ބޮޑަހާކަމުން ދިޔަ މަންޝާއަށް ރޮވޭ ގޮތް ވިއެވެ.
"ނުރޮއެ... އަހަރެން އޭނާ ކައިރީ ބުނާނަން މިރޭ އަންނާށޭ... މަސައްކަތް ނިންމާލާފަ އޭނާ ގެންނާނަން... ދެން ހުއްޓާލާ..." ހޫދު ދެއްކި ވާހަކަތަކަށް އެއްބަސްވަމުން މަންޝާ ބޯޖަހާލަމުން ދެލޯ ފޮހެލިއެވެ. ދޮރުގެ ހުޅުވިފައިވާ ހަނި ދޭތެރެއިން އެ މަންޒަރު ބަލަން ޝީންއަށް ހުރެވުނީ ދެބުމަ ގޮށްޖަހައިގެންނެވެ. މަންޝާއާ ހޫދާ ދެމެދު ދެކެވުނު ވާހަކަތަކުން އެދެމީހުންނަށް ކަންތައްގަނޑެއް އެނގޭކަން ޝީންއަށް ކަށަވަރުވިއެވެ.
ފެންތަށި ހިފައިގެން ޝީން އެތެރެއަށް ވަދެ މަންޝާއަށް ފެން ދިނުމަށްފަހު ހޫދުގެ މޫނަށް ބަލާލިއެވެ. ޝީންގެ އެބެލުމުން ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް ހޫދަށް އިހްސާސް ކުރެވުމުން އޭނަ ބޭނުންވީ އެކޮޓަރިން ނިކުންނާށެވެ. ފެންފޮދެއް ބޯލުމަށްފަހު މަންޝާ އެނދުގައި އޮށޯވެ ދެލޯ މަރާލީ އޭނާގެ ބޮލުގެ ރިހުމަށް ލުއިކަމެއް ލިބޭނެ ކަމަށެވެ. ނަމަވެސް މަންޝާގެ ލޮލަށް ފެންނަމުން ދިޔައީ ކިޝަންގެ ސޫރައެވެ.
*** *** *** *** *** ***
ދެލޮލަށް ބަރުވެފައިވުމުން ނިދަން އޮވެވުނީ ކިހާއިރަކު ކަން ނައުރީނަކަށް ނޭނގުނެވެ. އޭނާއަށް ސިހުމެއް ލިބުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ބޮލުގައި އަތް އަޅައިގެން އިނދެ އޭނާ އެނދުން ތެދުވަން މަސައްކަތް ކުރިއެވެ. އަދިވެސް އޭނާގެ ލޮލަށް ނިދި ސަވާރުވެފައިވާތީ އޭނާ ބޭނުންވީ އޮށޯވެ އެހެން އޮންނާށެވެ. ޓަކިޖަހަމުން ދިޔަ ދޮރާ ދިމާއަށް ކަންނެތް ގޮތަކަށް ބަލާލުމަށްފަހު އެނދުން ތެދުވަން އޭނާ މަސައްކަތް ކުރިއެވެ. އެވަގުތު ނައުރީނަށް އޮވެވުނު ގޮތް ފެނުމުން ރޭގައި އަޒީމާއެކު ހޭދަވީ ހިތްގައިމު ވަގުތުތައް އޭނާއަށް ސިފަވެގެން ދިޔައެވެ.
ފިނި އަތްތިލައަކުން އޭނާގެ ކަރުގައި ހިފައިފާވާއިރު އެހުރިހާ އިހްސާސްތަކާއެކު ގެނބިގެން ދާން ބޭނުންވެފައިވުމުން ދެލޯ މަރާލައިގެން ނައުރީން އޮތީއެވެ. ކަނދުރާގައި އަތް ހާކާލުމަށްފަހު އެނދުމަތީ އޮތް ރަޖާގަނޑުން ހަށިގަނޑު ނިވާކޮށްލަމުން ފާހާނާއާ ދިމާއަށް ނައުރީން އަވަސްވެގަތެވެ.
ފާހާނާއަށް ވަދެ ލޯގަނޑުން އޭނާގެ ސޫރަ ފެނުމުން ހުއްޓުން އަރާފައި އޭނާގެ މޫނާ ދިމާއަށް ބަލަން ހުރެވުނެވެ. ދެއަތަށް މޫނު އަނބުރާލަމުން ކަރުދަށާއާ ދިމާއަށް އަތް ހަރަކާތްކޮށްލި އިރު ނައުރީންއަށް އޭނާގެ ބޯ ކުޑަކޮށް ހިތްލާލެވުނެވެ. ރޭގަ އަޒީމް އޭނާގެ ކަރުގައި ހިފާފައިވާ ނިޝާން ރަތްވެފައިވާހެން އެނގެން ހުއްޓެވެ. ފަސްއިނގިލި ވަކިވަކިން ފާޅުވާން ހުރި ދިމާލުގައި އޭނާ އަތް ހާކާލިއެވެ. އަޒީމް ވެސް ދުވަހެއް ދުވަހެއް ފޯރިގަދަވަމުން ދާތީ އެކަމާ ނައުރީން ހިތްހަމަޖެހުނެވެ. ސަބަބަކީ އެއީ އޭނާ ބޭނުންވާ ގޮތެވެ.
ފެންވަރައިގެން ބޭރަށް ނިކުތުމެގެ ކުރިން ގޭގައި އަޅާ ވަށް ބުރުގާ ބޮލަށް މަހާލީ މީހަކަށް އޭނާގެ ކަރުގައިވާ ނިޝާންތައް ފެނިދާނެތީއެވެ. ކޮޓަރިން ނިކުތުމަށްފަހު ދޮރު ވެއްޓޭވަރަށް ޓަކިޖެހީ ކާކުތޯ ބަލަން ސިޓިންގްރޫމަށް ނަޒަރު ހިންގާލިއެވެ.
ސިޓިންގް ރޫމުގައި އިން ޝާޔާ ފެނުމުން އެކުއްޖާގެ ގައިގާ ނައުރީން ބައްދާލިއެވެ. "މަންމީ... ކީއްކުރީ ދޮރު ތަޅުލައިގެން.. ކޮއްކޮ ޓަކިޖަހާ ޖަހާ ވަރުބަލިވެއްޖެ..." ތުންކޮޅު އޫކޮށްގެން އިނދެ ޝާޔާ ޝަކުވާ ކުރަމުން ދިޔައެވެ.
"ދަރިފުޅު ކޮންއިރަކު އައީ... މަންމަ ފެންވަރަން ހުރީމަ ދޮރު ނުހުޅުވުނީ... ސައިބޯން ހިނގާ... ކޮބާ މާމަ؟..." ޝާޔާގެ ދަބަސް ހިފައިގެން ނައުރީން ދިޔައީ ޝީންގެ ކޮޓަރިއަށެވެ. މާމައާއެކު ހޭދަކުރި ދުވަސްތަކުގައި އޭނާ ކުރިކަންތައްތައް ކިޔައިދެމުން ދިޔައިރު ޝާޔާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަތައް ފާޅުވަމުން ދިޔައެވެ. ކޮޓަރިއަށް ވަދެ ޝާޔާގެ ދަބަހުން ކުޑަ ބޯޅައެއް ނެގިއެވެ. އަދި އެއީ އޭނާގެ މާމަ ގަތްދިން ބޯޅައެއް ކަމަށް ބުނެ އެ ބޯޅަ ބިންމަތީ ބާރަށް ޖަހާލިއެވެ. ބިންމަތީ ބޯޅަ ޖެހުމާއެކީ އެ ބޯޅަ ދިއްލުނެވެ. އަދި ޓައިލްސްމަތީ އެބޯޅަ ޖެހެމުން ޖެހެމުން ދިޔައިރު އެ ބޯޅަ ބިމުން މައްޗަށް އުފުލޭ މިންވަރު ތިރިވަމުން ދިޔައެވެ.
"މީ ހާދަ ރީތި ބޯޅައެކޭ..." ބޯޅަ ނަގާ ބަލާލަމުން ނައުރީން ވާހަކަ ދެއްކީ ޝާޔާ ހިތްހަމަ ޖައްސައިދޭށެވެ.
"އޭސީ.. ޖައްސަންވީ ދޯ... މަންމަ އެބަ އަންނަ ބޭބީކޮޅަށް ސައި ހަދާފަ... ފިނިކޮށްލަން ކޮޓަރީގަ މަޑުކޮށްލާ... އިނގޭ..." އެބޯޅަ ޝާޔާ އަތަށް އެއްލުމުން އެ ތުއްތުކުއްޖާގެ އުނގުތެރެއަށް އެބޯޅަ އައިސް ޖެހުމުނެވެ. ނައުރީން އެކޮޓަރިން ނިކުމެގެން ދިއުމުން ޝާޔާ އިނީ އެބޯޅަ ހިފައިގެން ކުޅޭށެވެ. ފާރުގައި އެ ބޯޅަ ޖަހާ ހިފަން މަސައްކަތް ކުރާށެވެ.
*** *** *** *** *** ***
ވަލުފަރާތުން އައިސް ލަތީފާ ގެއަށް ވަނީ އޭނާ ހުރި ހާލު މީހަކަށް ފެނިދާނެތީއެވެ. ތެތްވެފައިވާ ދިގު ހެދުމާއެކީ އޭނާ ވަނީ ގިފިއްޔަށެވެ. އޭރު ސީމާއާ އެކީ ޝާކިރު ވީ ގޭތެރޭގައެވެ. ގިފިލިތެރެ އަނދިރިކަމުން ތަނެއް ދޮރެއް ވަކިވާވަރެއް ނޫނެވެ. ގިލިފިލީގައި ހުރި ބޮކި ދިއްލާލުމަށްފަހު އެއްފަރާތެއްގައި ދަމާފައިވާ ރޯނަށް ލަތީފާ ނަޒަރު ހިންގާލިއެވެ. އޭނާ ހިއްކަން އަޅުވާފައިވާ ހެދުމަކާ ތުވާލި އޮތްތަން ފެނުމުން ބޮލުގައި އަޅާފައި ބުރުގާއާ ލައިގެން ހުރި ދިގުހެދުން ބޭލުމަށް އޭނާ އަވަސްވެގަތެވެ. ލޮނުން ތެމިފައިވާ ހެދުން ބޭލުމަށްފަހު އޭނާ ވަޅުދޮށާ ގާތްވެލިއެވެ. ދާނިން ފެން ނަގާ އޭނާގެ ބޮލަށް އެދާނިގައި ހުރި ފެންތައް އޮއްސާލިއެވެ. ލަތީފާގެ ގައިން ފައިބަމުންދިޔަ ލޭތަށް ފެނާ އެކުވެ ވަޅުދަށުގައިވާ ތަޅުމުގެ މަތިން ފޭދިގެން ދިޔައެވެ.
ޟިރާރަކީ ކޮންތާކު ނުބައި މީހެއް ހެއްޔެވެ. ލަތީފާ ހުރި ހާލަތަށް ވިސްނާލުމެއް ނެތި އޭނާގެ އެދުންވެރިކަން ފުއްދިއިރު އެއީ ކިހާ ނުބައިކަމެއް ކަން އޭނާއަށް ނޭނގެނީ ހެއްޔެވެ. ސީމާ ސަލާމަތްކުރަން ބޭނުންވެފައި ހުރުމުމުން ޟިރާރުގެ އެދުމަށް އޭނާ ބޭނުންވާ ހުރިހާ ކަމެއް ކުރަން ލަތީފާ އެއްބަސްވިއެއް ކަމަކު މިރޭ ކަންތައް ދިމާވިގޮތުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހިތް ބިރުގެންފައެވެ.
ތިންވަނަ ދާނި ބޮލަށް އަޅާލި ވަގުތު ގިފިލީގެ އެއްފަރާތެއްގައިވާ ގަސްތަކުގެ ތެރެއިން ފަތްތައް ހެލިލިއެވެ. ބިރުން ހުރެ ލަތީފާ ގަސްތަކާއި ދިމާއަށް ބަލާލިއެވެ.
(ނުނިމޭ)
