އަލިފާންހާ ހޫނު އަތްތިލައަކުން މަންޝާގެ ފަލަމަސްގަނޑުގައި އަތް ޖައްސާލުމުން އޭނާ ކަރުބުޑުން ހަޅޭއް ލަވައިގަތީ ހަށިގަނޑުން ނެގި ތޫނު ދިލައަށް ކެތް ނުކުރެވިގެންނެވެ.

"މަންމާ........"

*** *** *** *** *** ***

"މަގޭ ދަރި...."

ހަޅޭއްލަވަމުން މަދީހާ ރޮމުން ދިޔައީ ނިދީގައި އޮވެކަން ހަދީޖާއަށް އެނގުނީ މަދީހާގެ ހަރަކާތްތައް ހުރި ގޮތުންނެވެ. ހަދީޖާގެ މަގަތުގައި މަދީހާ އޮތް އިރު ދެއަތަށް ބޯ ހޫރަމުން އޭނާ ގޮވަމުން ދިޔައީ އޭނާގެ ދަރިފުޅު މަންޝާއަށެވެ. އެނދުގައި އެއްއަތް ވިއްދާލުމަށްފަހު ހަދީޖާ ތެދުވަން މަސައްކަތްކުރަމުން އަނެއް އަތުން މަދީހާގެ ގައިގާ ހިފާ ތަޅުވަމުން ގޮވާލިއެވެ.

ސިއްސައިގެންގޮސް ލޯ ހުޅުވާ ބޮޑުކޮށްލަމުން މަދީހާ ބަލާލީ ހާސްކަމާ އެކުގައެވެ. މޫނުގައި އަތް ހާކަމުން ތެދުވެ އެނދުގައި ހަމަޖެހިލައިގެން އިށީން އިރު ވެސް މަދީހާގެ މޫނުމަތިން ނުތަނަވަސް ކަން ފާޅުވަމުން ދިޔަކަން ހަދީޖާއަށް ނަގައިގަނެވުނެވެ.

"ކިހިނެއްވީ؟ ނިދާފަ އޮވެތަ ތި ވާހަކަ ދައްކަނީ. ބިރުވެރި ހުވަފެނެއް ފެނުނީތަ؟" މަދީހާގެ ބުރަކަށީގައި ފިރުމާލަމުން ހަދީޖާ ވާހަކަ ދެއްކީ ނުހަނު ލޯތްބާ އޯގާތެރިކަމާ އެކުގައެވެ.

ހިމޭނުން އިނުމަށްފަހު ނޫނެކޭ ބުނެ މަދީހާ ދެއަތަށް ބޯ ހޫރުވާލީ ހާދީޖާ ހާސްވެދާނެތީއެވެ. ކެއްސާލަމުން ހަދީޖާ މޭގައި އަތް އަޅާލީ ނެވާއަށް އުނދަގޫވާ ކަހަލަ ގޮތެއް ވުމުންނެވެ. މޭޒުމަތީ ހުރި ޖަގުން ތައްޓަކަށް ފެންފޮދެއް އަޅަމުން ހަދީޖާއާ ދިމާއަށް މަދީހާ ބަލާލިއެވެ. ހަދީޖާގެ ތުނބުގައި ފެންތަށި ޖައްސައިދެމުން މަދީހާ ވާހަކަ ދެއްކިއެވެ.

"އަމާ.. ފެންފޮދެއް ބޯލަބަލަ... މިހާރު ކިހިނެއް..." ފެންފޮދެއް ބޯލުމަށްފަހު ހަދީޖާ ފުންކޮށް ނޭވާލަމުން މޭގައި ފިރުމާލިއެވެ.

"ރަނގަޅުތަ؟" މަދީހާގެ މޫނަށް ބަލާލަމުން ހަދީޖާ ބޯ ޖަހާލީ އާއެނކޭ ބުނާ ފަދަ ގޮތަކަށެވެ. ތަށި މޭޒުމަތީ ބަހައްޓަމުން ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް މަދީހާ ނަޒަރު ހުސްކޮށްލިއެވެ.

"އެކެއް ޖަހަނީ ދޯ... އަހަރެން ވަރަށް ބިރުގަނޭ.. މަންޝާ މަތިން ވަރަށް ހަނދާންވާ ދުވަސްކޮޅެއް... ހިތައް އަރާ އެ މަންޖެއަށް ގުޅާލަންވީއޭ..." މޭޒުމަތީ އޮތް ފޯނުނަ ގާ އަތަށް ހެޔޮވަރުކޮށްލަމުން ހަދީޖާގެ މޫނަށް މަދީހާ ބަލާލީ މަންމަ އެއްޗެއް ބުނަން އުޅޭހެން ހީވުމުންނެވެ.

"މިދެން ކޮން ގަޑިއެއް އެ މަންޖެއަށް ގުޅަން... މި ގަޑީ މަންޝާ ވެސް އޮންނާނީ ނިދާފަ... ހެނދުނުވީމަ ގުޅާ... އީދު ވިލޭރޭ އެހާ ބުރަކޮށް އުޅެފަ ނިދީމަ ފެނުނު ހުވަފެނަކަސް ތި ވާނީ... ފަތިހަށް ހޭލަން ވެސް ޖެހޭނެއްނު.. ނިދޭތޯ ބަލާބަލަ" ހަދީޖާ ވާހަކަ ދައްކަމުން ދިޔައިރު އާފުރުނެވެ. ހަދީޖާ ނިދިއައިސްގެން ދެލޮލަށް ބަރުވަމުން ދިޔަކަން އެނގުމުން މަންމަގެ ގައިމަތީ މަދީހާ ރަޖާ އަޅާލިއެވެ.

އެނދުގައި އޮށޯތުމަށްފަހު ނިތްކުރިމަތީ އެއް އަތް ބާއްވައިގެން މަދީހާ އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. މަޑުމަޑުން ދައުރުވަމުން ދިޔަ ފަންކާއަށް ބަލަން އޮތްއިރު މަދީހާގެ ދެލޮލަށް ކަރުނަ ފާއްދާލިއެވެ.

*** *** *** *** *** ***

"މަންމާ...." ސިއްސައިގެން ގޮސް މަންޝާ ދެލޯ ހުޅުވާލި އިރު މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ވަށައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީ ހުރެވުނު ތަނާ މެދު ޝައްކު އުފެދޭތީއެވެ.

އާދައިގެ ސިންގަލް އެނދަކާ، ދެ ދޮރުފަތްލީ އަލަމާރިއަކާ، ޑްރެސިންގް ޓޭބަލްއެއް ހުރި އެ ކުޑަ ކޮޓަރި ތެރެއަށް ބަލަން އިނުމަށްފަހު ކުއްލިއަކަށް އިސް އުފުލާލަމުން ސީލިންގާ ދިމާއަށް މަންޝާ ބަލާލީ ދެންމެ ފެނުނު ބިރުވެރި ހުވަފެން ހަނދާން ވުމުންނެވެ. ހުއްޓިފައިވާ ފަންކާ ފެނުމުން އެހާ ހޫނުވެ ދާހިއްލީ ކީއްވެ ކަން މަންޝާއަށް އެނގުމުން ފަންކާގެ ސްވިޗް ޖައްސަން އަވަސްވެގަތެވެ. ސްވިޗް ދެބުރަކަށް ޖައްސާ ނިއްވާލުމުން ވެސް އެ ކޮޓަރީގައި ހުރި ފަންކާ އެނބުރޭ ގޮތެއް ނުވިއެވެ. ވެފައިވާ ހޫނުން މިރޭ ދެން ނުނިދޭނެކަން އެނގޭތީ މަންޝާ ބޭނުންވީ ވައި ޖައްސާލާން ބޭރަށް ނިކުންނާށެވެ.

ގަޑިން އެކެއް ޖެހުމާއެކީ ބޮޑު ކޮޓަރީތެރޭ ހުރި ގަޑިން ރަނގަބީލް ޖެހި އަޑުން ގޭތެރޭގެ ހަމަހިމޭން ކަން ނަގާލައިފިއެވެ. މަންޝާއަށް މިފަދަ ހުވަފެންތައް ފެނުނު ނަމަވެސް ހޭލެވުމުން އެ ފެނުނު ހުވަފެން މުޅިއަކުން ހަނދާނަކު ނުހުރެއެވެ. ދެންމެ ފެނުނު ހުވަފެނުގައި ބިޔަ ގަސްތަކެއް ފެނުނު ކަމާއި ގައިން ދިލަ ނެގިކަން ހަނދާން ވުމުން އެއްއަތުން އަތުގެ މުލައްދަނޑީގައި އަތް ހާކާލިއެވެ.

ހިތްހަމަ ޖައްސާލަން ބޭރަށް ދާން މަންޝާ ނިކުންނަމުން އޭނާގެ ދިގު އިސްތަށިގަނޑު ވޫލްކޮޅެއްގެ އެހީގައި އައްސާލިއެވެ. ކޮޓަރިން ބޭރަށް ނިކުމެ ޖެހިގެން ހުރި ކޮޓަރިއަށް ބަލާލުމަށްފަހު ސިއްރުސިއްރުން ދޮރުލައްޕާލީ އެއްވެސް އަޑެއް ނީވޭނެހެންނެވެ.

ރަށުތެރޭގައި މީހުން މަދުވުމުން މަންޝާ ބޭރަށް ނިކުމެލީ އޭނާއަށް އުދާސްކަމެއް އިހްސާސްވާން ފެށުމުންނެވެ. ގެއިން ބޭރަށް ނިކުމެ މަގުގެ ދެކޮޅު ބަލާލުމަށްފަހު ފުން ނޭވާއެއް އެތެރެކޮށްލަމުން ހަށަން ބަނދެލިއެވެ. އުދަރެހަށް ނަޒަރު ހިންގާލީ ގައިގާ ބީހިލި ވައިރޯޅިން ފިނި ކަމެއް އިހްސާސް ވުމުންނެވެ.

އުޑުމަތި ސާފް ރީތި ރެއެކެވެ. މަގުމަތީގައި ދިއްލާފައިވާ ހޮޅިބުރިތަކުގެ އަލިގަދަކަމުން އުދަރެހުގައި ވިދާ ބަބުޅަމުން ދިޔަ ތަރިތަކުގެ ވިދުން ސާފުކޮށް ނުފެންނާނެކަން މަންޝާއަށް އެނގުނެވެ. ކުރިއަށް ފިޔަވަޅެއް އަޅަން މަސައްކަތް ކުރަމުން ފަސްއެނބުރި ބަލާލީ ގޭތެރެއިން މީހެއްގެ ހިލަމެއް ވެދާނެތީއެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ކޮޓަރިއަށް ވަދެ ނިދުމުން މަންޝާ ބޭރަށް ނިކުމެ ހަދަނީ މިފަދަ ގަޑިތަކުގައެވެ. މިގޮތަށް ބޭރަށް ނިކުމެ ހަދަނީ މަންޝާ އެކަނި ބޭރަށް ނިކުންނަން އަޒީމް ނުރުހޭތީއެވެ. ރަށުތެރެ ހަމަހިމޭންވުމުން މިގޮތަށް ބޭރަށް ދިއުމަކީ މަންޝާގެ އާދައެކެވެ. ނިދިއްޖެނަމަ މަންޝާއަށް އުނދަގޫވާ ޒާތްޒާތުގެ ހުވަފެން ފެނެއެވެ. ހޭލެވުމުން އެ ފެނުން ހުވަފެން ހަދާނަކު ނުހުރެއެވެ. މިފަދަ ހުވަފެނެއް ފެނިއްޖިއްޔާ މަންޝާއަށް ދެން އެރެއަކު ނުނިދޭނެއެވެ.

ތާރުއަޅާފައިވަ މަގުތަކުން މަންޝާ މިސްރާބުޖެހީ އަތިރިއާ ވީ ފަރާތަށެވެ. ރޭގަނޑުގެ މި ހަމަހިމޭން މާހައުލުން މަންޝާގެ ހިތަށް ލިއްބައިދެމުން ދިޔަ ހިތްހަމަޖެހުމާއި އަރާމު ބުނެދޭން ދައްޗެވެ. އައްސާފައިވާ އިސްތަށިގަނޑު ނިއުޅުވާލަމުން އެ ވޫލްކޮޅު މަންޝާގެ އަތުގެ މުލައްދަނޑީގައި އަޅުވާލިއެވެ. މަންޝާގެ ފަން އިސްތަށިގަނޑު ވަޔާއެކީ ނަށަމުން ދިޔައިރު އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ކުރިމަތިން ފެންނަމުން ދިޔަ އަނދިރި ގަސްތަކުގެ ތެރެއަށް ވަންނަން މަންޝާ ފަހެއް ނުޖެހުނެވެ.

*** *** *** *** *** ***

އައްޑޫ ރީޖަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓު އައިސް ޖެއްސުމާއެކު އެ ފްލައިޓުގައި ދަތުރުކުރި ފަސިންޖަރުންތަކުގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެންމެންގެ މޫނުމަތިން ފާޅުވަމުން ދިޔައީ އުފާވެރި ކަމެވެ. ސީޓް ބެލްޓް ނައްޓާލުމަށްފަހު ސީޓުން ތެދުވުމަށް އެންމެން އަވަސްވެގަތެވެ. ހުރިހާ ފަސިންޖަރުން ފްލައިޓުން ފޭބުމަށް ހަރަކާތްތެރިވަމުން ދިޔައިރު 25 އަހަރުގެ ހޫދު އިނީ ފޯނުގެ ސްކްރީނަށް ނަޒަރު ހުސްކޮށްލައިގެން ފޯނުން ފެންނަމުން ދިޔަ މަންޒަރަށް ބަލާށެވެ. ގުޑިލަން ވެސް ހިތަށް ނާރާ އިން ޒުވާނާ ފެނުމުން އެ ފްލައިޓުގެ ކެބިން ކްރޫއަކަށް ހުރި އަންހެން ކުއްޖާ އެދިމާއަށް ހިނގައިގަތެވެ.

"އެކްސްކިއުޒްމީ... ފްލައިޓް ޖައްސައިފި..." ކެބިންކްރޫ ދައްކަމުން ދިޔަ ވާހަކަ ހޫދަށް އަޑުއިވުނު ހެނެއް ހިއެއް ނުވިއެވެ. ޖަވާބެއް ނުލިބުމުން ހޫދުގެ އަތުގައި ކެބިންކްރޫ މަޑުމަޑުން ކޮއްޓާލިއެވެ. ސިހިފައި ކެބިންކްރޫއާ ދިމާއަށް ބަލާލުމަށްފަހު ފްލައިޓު ތެރެއަށް ހޫދު ނަޒަރު ހިންގާލިއެވެ. މޫނުގެ ދެފަރާތަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތްކޮށްލުމަށްފަހު ކަންފަތަށް ޖަހާފައިވާ ހެޑްސެޓް ނަގަމުން ކެބިން ކްރޫއާ ދިމާއަށް ބަލާލިއެވެ.

ހޫދުގެ ދޮން މޫނު ރަތްވެގެން ދިޔަތަން އެ އަންހެން ކުއްޖާއަށް ފެނުނެވެ. ހަތަރުކަޅި ހަމަނުކުރަން އިސްޖަހައިގެން ހުރެ ގޮނޑިން ތެދުވަން މަސައްކަތް ކުރި ނަމަވެސް ހޫދަށް ގޮނޑިން ތެދުވެވޭ ގޮތެއް ނުވިއެވެ. ވެގެން އުޅޭގޮތް ކެބިން ކްރޫއަށް އެނގުމުން ހިނިތުންވަމުން ހޫދާ ދިމާއަށް އޭނާ ބަލާލިއެވެ. ސީޓުން ތެދުވަން ހޫދު މަސައްކަތް ކުރަމުން ދިޔައީ ސީޓްބެލްޓް ނުނައްޓާ އިނދެއެވެ. މަޑުމަޑުން ސީޓްބެލްޓް ނައްޓާލަމުން ހޫދު ގޮނޑިން ތެދުވިއިރު ލަދުން ހަލާކުވަނީއެވެ.އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ފްލައިޓުން ފޭބުމަށް ހޫދު އަވަސްވެގަތެވެ.

ދޮރު ކައިރީ ތިބި ކެބިންކްރޫއިންނާ ދިމާއަށް ހޫދު ބަލާލީ ހިނިތުން ވެލަމުންނެވެ. މޯލްޑިވިއަންގެ ޔުނީފޯމްގައި ތިބި ދެ އަންހެން ކުދިންނަށް ހެވޭތީ އެ މޫނު ފޮރުވަން މަސައްކަތް ކުރިއެވެ. ހޫދު އިސްޖަހާލަމުން ބޮލުގައި އެއްއަތުން ފިރުމާލަމުން ފްލައިޓުން ނިކުންނަ ހަރުފަތުގައި ފައިޖައްސާލީ ބޭރަށް ބަލާލަމުންނެވެ.

"ޝުކުރިއްޔާ.." އެ ފްލައިޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނަށް ޝުކުރު އަދާ ކުރާ ބީދައިން އެތަނުން އެއް ކުއްޖަކު ހިނިތުންވެލަމުން އެހެން ބުނެލީ މަޑުމައިތިރި ރީތި ރާގަކަށެވެ. އެ އަޑު ޖެހުމުން ހޫދު ދެލޯ މަރާލިއެވެ. ހަރުފަތުން ފޭބުމަށްފަހު ފްލައިޓާ ދިމާއަށް ހޫދު ބަލާލިއިރު ދެ ކެބިން ކްރޫއިން އޮލަ ވާހަކައެއްގައި ތިބި ތަން ފެނި ފިޔަވަޅު މަޑުކޮށްލިއެވެ. ކެބިންކްރޫއިންނަށް ތިބޭ ކުދިން ރީތި ވާހަކަ އަޑު އެހި ނަމަވެސް ރާއްޖޭގައި މިހާ ރީތި ކުދިން އުޅޭކަމެއް ހޫދަށް އެނގިފައެއް ނެތެވެ.

އެއާޕޯޓުގެ އެރައިވަލް ގޭޓުން ނިކުންނަމުން ހޫދު ފޯނަށް ބަލާލީ އެ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ކަންފަތުގައި ފޯނު ޖަހައިގެން ހުރެ ހޫދު ވާހަކަ ދައްކަމުން ދިޔައިރު އެ ސަރަހައްދުގައި ތިބި ބީރައްޓެހި މޫނުތަކަށް ނަޒަރު ހިންގާލެވުނެވެ.

"މަންމާ، ދެން އެހާ ވަރަށް ނުވިސްނަބަލަ... އަހަރެން މީ ކުޑަ ކުއްޖެއް ނޫނޭ... ކިޝަން ފެނޭތޯ މި ބަލަނީ.. ގެއަށް ދެވުނީމަ މަންމައަށް ގުޅާނަން... އޯކޭ ދެން ބޭއްވީ.. ހޫމް.." ފޯނަށް ވާހަކަ ދައްކަމުން ދިޔަ ހޫދަށް ދުރުގައި ހުރި މީހަކު އަތް ހަނާއަޅާތަން ފެނުމުން އެދިމާއަށް ހިނގައިގަތީ ލަގެޖްގެ އަތްގަނޑުގައި ހިފާ ލަގެޖް ދަމަމުންނެވެ.

ޓެކްސީއެއް ކައިރީގައި ހުއްޓިގެން ހުރި މެދު އުމުރުގެ ފިރިހެން މީހާއަކީ ދިގު އިސްކޮޅެއް ލިބިފައިވާ ރީތި މީހެކެވެ. އެމީހާގެ އަތުގައި ހޫދުގެ ނަން ޖަހާފައިވާ ބޯޑެއް އޮތެވެ. ހޫދުއާ މުހާތަބުކޮށް ވާހަކަ ދައްކަމުން އެ މީހާ ހިނިތުންވެލިއެވެ.

"ހޫދު...ހާލު ކިހިނެއް؟ އަރާ ކާރަށް.." ޓެކްސީގެ ޑިކީބަޔަށް ލަގެޖްލަމުން އެމީހާ ވާހަކަ ދެއްކީ ހިތްހެޔޮކަމާ އެކުގައެވެ. ހޫދު ކައިރިއަށް ޖެހިލަމުން އެމީހާ އަތް ދިއްކޮށްލީ ސަލާމްކޮށްލާއެވެ. "އަހަރެންނަށް ކިޔަނީ ކިޝަން... ދެންމެ ހޫދުގެ ބައްޕަ ގުޅާފަ ވަރަށް ވާހަކަ ދެއްކި. ބުނި ހޫދު އަލަށޯ ރާއްޖެތެރޭ ރަށަކަށް ތިއައީ..."

ސީޓުގައި އިށީނދެ ހަމަޖެހިލަން މަސައްކަތް ކުރަމުން ހޫދު ވާހަކަ ދެއްކިއެވެ. "ހުޅުދޫއަށް ދެވޭނީ އަދި ކިހާ އިރަކުން... ވަރަށް ޓަޔަޑް..."

"މާ ގިނަ އިރެއް ނުވާނެ. އަހަރެން ލޯންޗު ހަމަޖައްސާފަ މިއައީ. ދިގު ދަތުރެއް ދޯ... މާދަމާ ހެނދުނުން ރާއިދްމެން އައިމަ ދޯ މަސައްކަތުގެ ވާހަކަތައް ޑިސްކަސް ކުރާނީ..." ކާރު ދުއްވަން ހުރި މީހާގެ މޫނަށް ބަލާލުމަށްފަހު ކިޝަން ވާހަކަ މެދުކަނޑާލިއެވެ.

"މިއަތަށް އަޅާ.. މިހެން ދިޔައިމަ އަވަހަށް ދެވޭނީ..." ކާރު ދުއްވަން އިން މީހާއަށް މަގު ދައްކައި ދިނުމަށްފަހު ފަހަތު ސީޓުގައި އިން ހޫދާ ދިމާއަށް ކިޝަން އެނބުރިލިއެވެ. "ރާއިދް އެއީ ކިޝަންގެ ދަރިފުޅު ތަ؟..." ފޯނުގެ ސްކްރީނަށް ބަލަން އިނދެ ހޫދު ސުވާލުކޮށްލިއެވެ.

"ނޫން. އެއީ މި މަސައްކަތުގައި އަހަރެމެންނާ އެކު އުޅޭ ސޮރެއް. އަހަރެންގެ ދަރި ވެސް އުޅޭނެ... އޭނައަށް ކިޔަނީ ކިނާން..؟" ކިޝަން އެކި ވާހަކަތައް ހިއްސާކުރަމުން ދިޔައިރު ހީވަނީ ދަންނަ ގާތް ރައްޓެއްސެއް ހެންނެވެ. ކިޝަން ބަހައްޓަމުން ދިޔަ ގާތްކަމުގެ ސަބަބުން ހޫދުގެ ހިތަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ކާރުގެ ދުވެލި މަޑުކޮށްލީ ބަނދަރު ކައިރިއަށެވެ. ދަންވަރުގެ ވަގުތެއް ކަމުން އެހިސާބުގައި ތިބީ މަދު ބައެކެވެ. ތޮށިގަނޑު ކައިރީ އޮތް ލޯންޗަށް އެމީހުން އެރުމުން ބާރު ސްޕީޑެއްގައި ލޯންޗު ދުއްވާލީ ހުޅުމީދޫއާ ދިމާއަށެވެ.

*** *** *** *** *** ***

ބާރު އަޑުފައްގަނޑެއްގެ އަޑަށް މަންޝާގެ ފިޔަވަޅު މަޑުކޮށްލުމަށްފަހު ވަށައިގެން ބަލާލިއެވެ. އިވުނު އަޑާ ދޭތެރޭ ވިސްނާލަން ހިނދުކޮޅަކު ހުރުމަށްފަހު ގަސްތަކުގެ ތެރެއިން މަންޝާ ހިނގަމުން ކުރިއަށް ދިޔައީ ބިރުވެރިކަމެއްގެ ތެރޭގައި ހުރެއެވެ. އެ އަނދިރިކަމުގެ ތެރެއިން މަންޝާއަށް ނިކުމެވުނީ މަޑު ހިމުން ދޮންވެލިގަނޑެއްގެ ކައިރިއަށެވެ. ދޮންވެލިގަނޑު މަތީ އިށީނދެގެން މަންޝާ އިނީ އެ ހިމުން ދޮން ވެލިގަނޑާ ކުޅޭށެވެ.

އިވެމުން ދިޔަ ގުދުރަތީ މިއުޒިކީ އަޑުތަކަށް އޭނާ ގެނބިގެން ދިޔައިރު އޭނާގެ ހިޔާލާ ފިކުރު ހުސްކޮށްލާފައި ވަނީ މާޒީގެ އެތައް ހާދިޘާ ތަކަކަށެވެ. ތަގުދީރު އޭނާގެ ދިރިއުޅުމާ ކުޅެލީ ކިހާ ބޮޑު ޑްރާމާއެއް ހެއްޔެވެ. ހަޔާތުގެ އެތައް ސަފްހާތަކެއް ހަނދާނުން ފޮހެވިފައިވާ އިރު އެއިން އެއްވެސް ހަނދާނެއް ނާންނަނީ ކީއްވެކަމެއް މަންޝާއަކަށް ނޭނގެއެވެ. ބައެއް ފަހަރު އެކަންތައް ހަނދާންކުރަން ބޭނުން ނުވިއަސް ދިރިއުޅުމުން ބޮޑުކަމެއް އުނިވެފައިވާކަމުގެ އިހްސާސް އެ ހިތަށް ވެރިވެއެވެ. އެހިތުގެ ކަނެއްގައި ރިހުމެއް އެބަވެއެވެ. އެކަމުގެ ހަގީގަތް ހޯދަން އޭނާ މިއަދު ބޭނުމެވެ.

މަންމައަކަށް ވުމުގެ ނަސީބު ވެސް ގެއްލިގެން ދިޔައީ އެ އެކްސިޑެންޓަށް ފަހުއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކުޑަކުއްޖަކުގެ ރުއިމުގެ އަޑު އޭނާއަށް އުނދަގޫ ކުރެއެވެ. އެނގޭހާ ވެސް އެއްޗަކީ މާޒީގެ އެ ހަނދާންތަކާއެކު މަންޝާގެ ހަޔާތުން ބޮޑު އެއްޗެއް ގެއްލިގެން ގޮސްފައިވާ ކަމެވެ. އެ ދުވަސްތަކާ ބެހޭގޮތުން އަޒީމާ ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އަޒީމްގެ ފަރާތުން ވެސް މާ ބޮޑު އަޅާލުމެއް ނުލިބެއެވެ. އެ ހާދިސާއަށްފަހު ވިހި އަހަރު ފާއިތުވެގެން ދިޔައިރު ދިރިއުޅުމުގައި އެކަނިވެރިކަން އިހްސާސްވާ ވަގުތުތަކުގައި އަޒީމް ބަދަލުވާން ޖެހުނު ސަބަބު ނޭނގޭތީ އޭނާގެ ހިތަށް އުނދަގޫވެއެވެ.

ދެ ކަކޫ ގަޔާލާ ބޮނޑިކޮށްލައިގެން މަންޝާ އިނީ މޫދުގެ ރާޅުޖަހާ ހިސާބަށް ކަޅި ހުއްޓާލައިގެންނެވެ. ކަކޫ މަތީ ދަތްދޮޅި ޖައްސާލައިގެން އެމަންޒަރަށް ބަލަން އިން އިރު ލޮލުން ވެއްޓިގެން ދިޔަ ކަރުނަތައް އެ ކޯތާފަތުގައި ބޮސްދެމުން ދިޔައިރު ގުޑިނުލާ މަންޝާއަށް އިނދެވުނީ އެ ހިޔާލުތަކުގެ ތެރޭގައެވެ. އެ ކަރުނަތައް ފޮހެލަން އޭނާގެ އަތްވެސް ހަރަކާތްކުރަން ބޭނުން ނުވާ ކަހަލައެވެ. ހިތް ފުރެންދެން ރޯން މަންޝާ ބޭނުމެވެ. ލޯބި އުނިވެފައިވާ އެ ދިރިއުޅުން ފަޅުފިލާނެ ދުވަހެއްގެ އިންތިޒާރުގައި އޭނާ ހުންނަތާ އަހަރަކުތަކެއް ވެއްޖެއެވެ.

ގަސްތަކުގެ ފަތްތައް ހެލިލި ޒާތުގެ އަޑެއް އިވުމުން މަންޝާ ފަހަތަށް ބަލާލީ ބޯއަރިކޮށްލަމުންނެވެ. މިވަގުތު އަތިރިމައްޗަށް މީހަކު އައިސްދާނެތީ މަންޝާ ޖެހިލުންވިއެވެ. ތެދުވެ އަތުގައި ހުރި ވެލިތައް ފޮޅާލަމުން ފައިވާން ނަގަން މަންޝާ ގުދުވެލި ވަގުތު އިވުނު އަޑުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ރަފަރަފަލާފައި އެއްޗެހިތަކެއް ބިންމައްޗަށް ވެއްޓުމުން ގޮވާ ޒާތު އަޑެކެވެ. ފަސްފަހަތަށް ފިޔަވަޅު އަޅަމުން ގަސްތަކާ ދުރަށް ޖެހެމުންދިޔައިރު މަންޝާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައީ އިންތިހާއަށެވެ.

ގަސްތަކާ ދިމާއަށް ބަލަން ހުރި މަންޝާއަށް ފެންނަން ފެށީ ރަތްކުލައިގެ ދެ އަލިކޮޅެވެ. އެ ދެ އަލިކޮޅުގެ ކުލަ ގަދަވަމުން އައި ވަރަކަށް ގަސްތަކުގެ ތެރެއިން ފާޅުވަމުން ދިޔައީ ބިޔަކޮށް ހުރި ބޮޑު ހިޔަންޏެކެވެ. އެ މަޚްލޫގު ހަމަލޮލުން ފެނުމުން މަންޝާ ހަޅޭއްލަވައިގަތެވެ. ފަޔަށް ލެވުނުހާ ބާރެއްލާ މައިމަގާ ދިމާއަށް ދާން މަންޝާ ދުއްވައިގަތެވެ. ދޮންވެލިގަނޑު ތެރެއަށް ފައި ގަނބަމުން ދާތީ މަންޝާއަށް ބާރަށް ދުވެވޭގޮތެއް ނުވެއެވެ. ފަސް އެނބުރި ބަލާލަން އުޅުނު ވަގުތު ފައި އަރިއަޅައިގެން ވެލިގަނޑު މައްޗަށް މަންޝާ ވެއްޓުނެވެ. ހަތަރު މޮށްގަނޑު ޖަހައިގެން މަންޝާ އޮތްއިރު ލޯ މައްޗަށް ސިފަވެގެން ދިޔައީ އޭނާއަށް މިރޭ ފެނުނު ބިރުވެރި ހުވަފެނެވެ. ހިކިފައިވާ ފަތްތަކެއްގެ މައްޗަށް ވެއްޓުނު ހަނދާނެވެ. ގަސްތަކުގެ މޫތަކުން ދެފައި ބަނދެވި މީހާ ހައްޔަރު ވެފައި އޮތް ގޮތެވެ. އެގަހުގައި ހައްޔަރުވެފައިވާ އަންހެނުންތަކުގެ ރުއިމާއި އާދޭހުގެ އަޑުތަކެވެ. ނިކަގަސް ކައިރިން ފާޅުވީ ހިޔަނީގެ ދެލޯ ރަތްކުލައިން ދިއްލުނު މަންޒަރެވެ.

"މަންޝާ..." ވައިއަޑުން މީހަކު ގޮވަލިއަޑުން އިވުމުން މަންޝާ ދޮންވެލިގަނޑުމަތިން ތެދުވެ ކުރިއަށް ދުއްވައިގަތީ ފަސްއެނބުރި ބެލުމެއް ނެތިއެވެ. ދުވަމުން ދުވަމުން އައިސް މައިމަގަށް ނިކުމެވުމުން ހަމަ ނޭވާލާން ބަނޑުގައި އަތްއަޅަމުން މީހާ ގުދުވެލިއެވެ. ބިރުންހުރެ ގަސްތަކުގެ ތެރެއަށް މަންޝާ ބަލަން ހުރީ އޭތި އައިސްދާނެތީއެވެ. އެހެން ހުއްޓާ މަންޝާއަށް ތަފާތުކަމެއް އިހްސާސް ވިއެވެ. މަޑުމަޑުން ފަސްއެނބުރި ބަލާލިއިރު މަންޝާގެ މޫނަށް ގަދަ އައްޔެއް އެޅިގެން ދިޔައެވެ. މޫނުމައްޗަށް ދެއަތް ހުރަސްކޮށްލުމަށްފަހު ކަރުބުޑުން އޭނާ ހަޅޭއް ލަވައިގަތެވެ.

"މަންމާއި......."

(ނުނިމޭ)