ކަނޑުމަގުން ގެނައި މުދާ ޝިޕްމަންޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ހަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުހައްމަދު (35އ) ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައި ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުރިކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ޕެކެޓްތަކެއްގައި ބަންދުކޮށްގެން މުދާ ޝިޕްމަންޓެއްގައި އެތެރެކުރަން އުޅުނު ހަޝިޝް އޮއިލްގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މުދާތަކެއްގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.