ހިޔާނާތުގެ ތުހުމަތު ކުރެވޭ ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއްގެ މައްސަލަ ބެލުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު އިންވެސްޓިގޭޝަން އޮފިސަަރެއްގެ މަސްްއޫލިއްޔަތުން އެކަހެރި ކޮށްފިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ޑިސެމްބަރު 31 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިއިރު، މި ވިޔަފާރި ކުރި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު"ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށް ވެސް ފުލުހުން އެއިރު ބުނެފައި ވެއެވެ.
މި ތަކެތި ފުލުހުން ހޯދާފައި ވަނީ ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހުއެވެ. އެގޮތުން އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މިރޭ ފުލުހުން ބުނީ، މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވެސް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުންގެ ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަން މި މަހުގެ 9 ވަނަ ދުވަހު ހުޅުވާލާފައެވެ.
8 ވައްތަރެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލަން ބޭނުންވާ ކަމަށް ފުލުހުން ކުރި އިއުލާނުގައި ކިލޯއެއްގެ އަގު ބުނެފައި ވަނީ 300ރ. ގެ މަގުންނެވެ. އިއުލާނުގައިވާ ގޮތުން، ނީލަމުގައި ވިއްކާނެ ހުއިފިލަނޑާގެ ބާވަތްތަކަކީ މުށި، ހޮޅި، ކަރީ ފިޝް، ހުދު ކިރު، ކަޅު ކިރު އަދި އިލަފަންޓް، ކަށި އަދި ބުއްފުޅި އެވެ. މިތަކެތި ފުލުހުން ނީލަން ކިޔާފައި ވަނީ ޕީޖީގެ ލަފާގެ މަތިންނެވެ.
