އިންޑޮނޭޝިއާގެ ޖަކާޓާގެ އިސްތިގްލާލް މިސްކިތް ނުވަތަ މިނިވަންކަމުގެ މިސްކިތަކީ ދެކުނު އޭޝިޔާގެ އެންމެ ބޮޑު އެއް މިސްކިތެވެ. އަދި މިސްކިތަކީ 9 ވަނައަށް އެންމެ ގިނަ މީހުންނަށް އެއް ފަހަރާ އަޅުކަންކުރެވޭނެ ޖާގަ ތަނަވަސް މިސްކިތެކެވެ. މި މިސްކިތް އާންމުންނަށް ހުޅުވާލީ ފެބްރުއަރީ 22، 1978 ގައެވެ. މި މިސްކިތް ބިނާކޮށްފަައިވަނީ 19 ވަނަ ގަރުނުގެ ސިޓާޑެލް ކިޔާ ކިއްލާއެއް އަދި ކުރީގެ ވިލްހެލްމިނާ ފާކް ހުރި ތަނުގައެވެ.
1945 ވަނަ އަހަރު އިންޑޮނޭޝިއާގެ މިނިވަންކަން އިއުލާން ކުރުމަށްފަހު އިންޑޮނޭޝިއާގެ ގައުމީ މިސްކިތެއް އެޅުމުގެ ހިޔާލު ދެއްވީ އެ ގައުމުގެ ފުރަތަމަ ދީނީ ކަންކަމުގެ މިނިސްޓަރު ވާހިދު ހަސީމްއެވެ. އަދި އޭގެ ފަހުން މަސްޖިދު އިސްތިގްލާލް ފައުންޑޭޝަން އުފައްދާ އެ ފައުންޑޭޝަންގެ ޗެއާމަން ކަމަށް އަންވާރު ކޮކްރޯއަމިނޯޓޯ ވަނީ އައްޔަންކޮށްފައެވެ.
ކޮކްރޮއަމިނޯޓޯ އިސްކޮށް ހުންނަވައިގެން އިސްތިގްލާލް މިސްކިތުގެ ކޮންސްޓްރަކްޝަން ކޮމިޓީ އުފެއްދީ 1953 ވަނަ އަހަރުގައެވެ. އަދި މިސްކިތް ބިނާ ކުރުމުގެ ހިޔާލު އިންޑޮނޭޝިއާގެ ރައީސް ސުކާރްނޯއަށް ހުށަހެޅުއްވުން، އެކަމަށް ރައީސްގެ ބޮޑު ތާއިދެއް ލިބިގެން ދިޔައެވެ. އަދި ފަހުން މިސްކިތުގެ ކޮންސްޓްރަކްޝަން ސުޕަވައިޒް ކުރުމަށްވެސް އެހީތެރިވެދެއްވިއެވެ.
އިސްތިގްލާލް މިސްކިތުގެ އާކިޓެކްޓަކީ ޑިޒައިން މުބާރާތް ކާމިޔާބުކުރި ފްރިޑްރިކް ސިލާބަންއެވެ. މި މިސްކިތް ބިނާކުރާނެ ތަނަކާއި މެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދިގެން ދިޔައެވެ. އިންޑޮނޭޝިއާގެ ނައިބު ރައީސް މުހައްމަދު ހައްޓާ ލަފާދެއްވީ މި މިސްކިތް ތަމްރިން އެވޭނޫގައި ހުންނަ ރެސިޑެންޝަލް އޭރިއާތަކުގެ ކައިރީގައި، މިއަދު ހޮޓެލް އިންޑޮނޭޝިއާ ހުރި ތަނުގައި ބިނާކުރުމަށެވެ.
ބައެއް ފަރާތްތަކުން ވަނީ މި މިސްކިތް ބިނާކުރަންޖެހެނީ އިންޑޮނޭޝިއާގެ އެންމެ ހާއްސަ ބިނާތައް ހުންނަ ސަރަހައްދުގައި ކަމަށް ބުނެފައެވެ. އެންމެ ފަހުން މި މިސްކިތް ބިނާކުރުމަށް ނިންމީ ތަމަން ވިޖާޖާ ކުސުމާ (ކުރިން ވިލްހެލްމިނާ ޕާކް) ގައި، ޖަކާޓާ ކެތެޑްރަލްގެ ކުރިމަތީގައެވެ.
މި މިސްކިތުގެ ބިންގާ އެޅުނީ އޮގަސްޓް 24، 1961 ގައެވެ. މިސްކިތް ބިނާކުރުމަށް 17 އަހަރު ހޭދަވިއެވެ. ރައީސް ސުހާޓޯ ވަނީ ފެބްރުއަރީ 22، 1978 ގައި މި މިސްކިތް އިންޑޮނޭޝީއާގެ ގައުމީ މިސްކިތެއްގެ ގޮތުގައި އިފްތިތާހް ކުރައްވާފައެވެ. މި މިސްކިތުގައި 2013 ވަނަ އަހަރުގެ ނިޔަލަށް އިރުމަތީ ދެކުނު އޭޝިއާގެ ސަރަހައްދުގައި އެންމެ ބޮޑު މިސްކިތެވެ.
އިންޑޮނޭޝިއާގައި އުފެދުނު ހަމަނުޖެހުންތަކާއެކު އޭޕްރީލް 14، 1978 ގައި، އިސްތިގްލާލް މިސްކިތުގެ މިމްބާރު ކައިރީގައި ޕްލާސްޓިކް ގޮވާ އެއްޗެއް ހަދާފައިވާ ބޮމެއް ވަނީ ގޮއްވާލާފައެވެ. އަދި އޭގެ 20 އަހަރަށްވުރެ ގިނަ ދުވަސް ފަހުން، އޭޕްރީލް 19، 1999 ގައި މިސްކިތުގައި ބޮމެއް ވަނީ ގޮއްވާލާފައެވެ. މި ހަމަލާގައި މިސްކިތުގެ ބައެއް ކުޑަ ދޮރުތަކުގެ ބިއްލޫރިގަނޑުތައް ވަނީ ތަޅައިގެން ގޮސްފައެވެ.
2019 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 20200 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މި މިސްކިތުގައި 35 މިލިއަން އެމެރިކާ ޑޮލަރަށް ބޮޑު މަރާމާތުތަކެއް ކޮށްފިއެވެ .2022 ވަނަ އަހަރު ވޯލްޑް ބޭންކުގެ ސަބްސިޑަރީއެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން މިސްކިތަށް އެޖް (އެކްސެލެންސް އިން ޑިޒައިން ފޯ ގްރޭޓާ އެފިޝަންސީސް) ސެޓްފިކެޓް ލިބިފައިވެއެވެ.
