ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ހާއްސަ އޮފީހެއްގެ ގޮތުގައި ސިޓިޒަންސް ކޮމްޕްލެއިންސް ބިއުރޯގެ ނަމުގައި 24 ގަޑިއިރު ހިދުމަތް ދޭނެ އޮފީހެއް ގާއިމްކޮށް ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށަން ނިންމާފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ ވިހާވެސް ރައްޔިތުންނާ ގާތުން ރައްޔިތުން އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި އިތުރު ފިޔަވަޅެއް އަޅަން ނިްމާފައިވާ ކަމަށެވެ. އެ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ހާއްސަ އޮފީހެއްގެ ގޮތުގައި ސިޓިޒަންސް ކޮމްޕްލެއިންސް ބިއުރޯގެ ނަމުގައި 24 ގަޑިއިރު ހިދުމަތް ދޭނެ އޮފީހެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި އޮފީސް ގާއިމް ކުރާނީ ރައީސް އޮފީހުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިޓި، އީމެއިލް، އެސްއެމްއެސް އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަލާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުށަހަޅާ ޝަކުވާތަކާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދައި އެ ޝަކުވާތަކަށް ޖަވާބު ހޯދަން އެ ބިއރޯއިން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަރުކަޒުގައި ކޮންޕަލަޔަންސް މެނޭޖްކުރާނެ އާޓިފިޝަލް އިންޓެލިޖަންސް އެކުލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ސްތޭޓް އޮފް ދަ އާޓް އޮޓޮމޭޓަޑް ޑިޖިޓަލް ސިސްޓަމެއް ގާއިމް ކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅޭ ހުރިހާ ޝަކުވާތަކެއް މި ސިސްތަމް ތެރެއިން ރެކޯޑްކޮށް، ކޮންމެ ޝަކުވާއަކަށް ޓިކެތް ރެއިސްކޮށް ކޮންމެ ޝަކުވާއަކަށް ޖަވާބު ދެވެން ދެން މައްސަލަ ކުރިއަށްދާ ގޮތް ސިސްޓަމް މެދުވެރިކޮށް ޓްރެކް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ފޮރުކޮށްދޭ ކޯލް ސެންޓަރެއް ވެސް ގާއިމް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއާއެކު ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް މެނޭޖްކޮށް އެ ޝަކުވާތަކަށް ޖަވާބު ދިނުމަށް ސަރުކާރުގެ ވަކިވަކި އިދާރާތަކުގައި ސިޓިޒަންސް ކޮމްޕްލެއިންސް ބިއުރޯގެ ޑިޖިޓަލް ސިސްޓަމް ބޭނުން ކުރާ ގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިދާރާތަކަށް ވަކިވަކިން ހުށަހަޅާ ޝަކުވާތަކަށް ޖަވާބުދާރީ ވަމުންދާ ގޮތް މޮނިޓާކޮށް އެ އިދާރާތައް ޒިންމާދާރު ކުރުވާ ތަނެއްގެ ގޮތުގައި ސިޓިޒަންސް ކޮމްޕްލެއިންސް ބިއުރޯ ހަރަކާތްތެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބިއުރޯ އުފައްދާއިރު އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމުގައި އާ މުވައްޒަފުން ނުނަގާނެ ކަމަށާއި މުވައްޒަފުން ނަގާނީ ރައީސް އޮފީހުގެ ތެރެއިންނާއި އެހެނިހެން އިދާރާތަކުގައި ވެސް މި މަސައްކަތަށް ގާބިލް މުވައްޒަފުން ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު މި ބިއުރޯއަށް ނަގާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދީ މަސައްކަތައް ގާބިލް ބަޔަކަށް ހަދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި އިދާރާ ކުރިއަށް އޮތް 5 މަހުގެ ތެރޭގައި ގާއިމްކޮށް ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.