އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރަމުންދާ ސްކޭޓިން އެރީނާ އަންނަ މާޗް މަހު ރަސްމީކޮށް ހުޅުވާ، ރޭސިން އަދި ޑްރިފްޓިންއަށް ހާއްސަ އެރީނާ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަމަ އެ މަހުގެ ތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ސްކޭޓިން އަކީ ރާއްޖޭގައި 80ގެ އަހަރުތަކުން ފެށިގެން ކުޅެމުން އަންނަ ކުޅިވަރަކަށްވާއިރު މިހާތަނަށް އެކުޅިވަރަށް އެއްވެސް ވަރެއްގެ ސަމާލުކަމެއްދެވި، ވަސީލަތްތައް ގާއިމުކުރެވިފައިނުވާކަމަށެވެ.

އެހެންކަމުން ސްކޭޓަރުންގެ މިކަންބޮޑުވުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން މާލޭ އުސްފަސްގަނޑު ސަރަހައްދުތަކުގައި ތަރައްގީކުރަމުންދާ ސްކޭޓް އެރީނާވެގެންދާނީ ރާއްޖޭގައި މިކުޅިވަރު ކުރިއެރުވުމަށް ކުރެވޭ ބޮޑު މަސައްކަތަކަށްކަމަށާއި މި އެރީނާ ތަރައްގީކުރަނީ ސްޕީޑް ސްކޭޓިންގްއަށް ހާއްސަ ޓްރެކަކާއި ސްކޭޓް ބޯޑު ދުއްވުމަށް ހާއްސަ ޕާކެއް ވެސް ހިމެނޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިެއެވެ.

މީގެ އިތުރުން ވެސް ރޭސިން އަދި ޑްރިފްޓިންއަށް ހާއްސަ އެރީނާއެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފަށާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ރޭސިން އާއި ޑްރިފްޓިންއަށް ޙާއްސަ އެރީނާ ގާއިމްކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފެށިގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް

މާލޭ ސަރަހައްދުގައި ރޭސިންގް ޓްރެކު ހެދުމަށް ބްރިޖު ހައިވޭ ބޭރުން ބިމެއް ހިއްކުމަށް ހަމަޖެހިފައިވާކަން ރައީސް ހާމަކުރެއްވީ މިދިޔަ މެއި މަހުއެވެ.

އެ މަސައްކަތުގެ އަދާހަމަ ހިއްސާ ކުރަމުން ރައީސް ވިދާޅުވީ، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ކަމަށާއި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އެ ކުންފުނިން އިންވެސްޓު ކުރާ ގޮތަށެވެ.