މާލެ ހިޔާގެ 5 ވަނަ ބުރިން އުމުރުން ދުވަސްވީ މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ، މާލެ ހިޔާ 1 އިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 6:50 ހާއިރު ކަމަށެވެ.

އަދި ވެއްޓިފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ ވެއްޓުނީ މާލެ ހިޔާގެ ފަސް ވަނަ ފަންގިފިލާ އިން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އަދި އެ މީހާ އައިޖީއެމްއެޗްއަށް ގެންގޮސް އެމީހާއަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާ ވެއްޓިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާއިރު ވީޑިއޯއިން ފެންނަ ގޮތުގައި އޭނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.