ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓު ކުރުމަކީ ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމެއް ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

މި މުއާމަލާއި ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ނިންމާފައިވަނީ ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބިނާކޮށް މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓު ކޮށްފައިވާ ޓްރެޝަރީ ބޮންޑުތަކުގެ ތެެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު ކަމަށެވެ.

ޕެންޝަން އޮފީހުން ބުނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ، ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރު ހިމެނޭ 'ޑުއަލް ކަރަންސީ' އިން އަނބުރާ ލިބޭ 2.4 ބިލިޔަން ރުފިޔާގެ ޓްރެޝަރީ ބޮންޑެއްގައި އިންވެސްޓް ކުރުމަށް ކަމަށާއި މި އިންވެސްޓްމަންޓާ ގުޅޭގޮތުން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުންތައް ނިންމުމުގައި މުހިންމު ކަންކަމަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޑުއަލް ކަރަންސީ ބޮންޑު ގަތުމަށް ފައިނޭންސް ކުރުމަށް ސެކަންޑަރީ މާކެޓްގައި ވިއްކާލަން ޖެހޭ ބޮންޑުތައް ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށް ވިއްކާލުމާއި، އަދި މިއީ ޕެންޝަން ފަންޑުގެ ދުރުރާސްތާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީއާ އެއްގޮތަށް އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް ފަންޑުގެ ވިލުންވެރިކަން އިތުރުކުރެވޭ ގޮތަށް ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

އެ އޮފީހުން އިތުރަށް ބުނީ މިކަމުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދާނެކަމަށާއި، އަދި މިހާރު ހުރި ބައެއް ޓްރެޝަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.

މެންބަރުންގެ މަސްލަހަތު ހިމާޔަތްކޮށް، އެންމެ ފައިދާހުރި ގޮތަށް ފަންޑު ބެލެހެއްޓުމަކީ އެ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުކަން ފާހަގަކޮށް ޕެންޝަން އޮފީހުން ބުނީ މި މުއާމަލާތުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން، ކޮންސަލްޓަންޓުންގެ ލަފައާ އެއްގޮތަށް ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މިކަމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ސަރުކާރުން އުޅެނީ ޕެންޝަން އޮފީސް ތެރެއިން އޮޅުވާލައިގެން މަނީލޯންޑާ ކުރަން ކަމަށާއި، ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.

ޔާމީން އިތުރުން މިކަމާ ގުޅިގެން ކުރީގެ ރައީސް ނަޝީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ބޮޑު ގޯހެއް ކަމަށާއި، ކޮންމެ މަހަކުވެސް ޕެންޝަނަށް ދޭ ފައިސާ ކެނޑުމަށްފަހު ދެން ހުރި ފައިސާ ފައިދާ ހުރި ކަމަކަށް އިންްވެސްޓު ކުރަން ޖެހޭކަމަށެވެ. އަދި ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓު ހަރަދެއް ކުރުމަށް އެ ފައިސާ ބޭނުންކޮށްގެން ނުވާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.