ފަހި ދިިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން މިހާރު ހަވާލުނުކޮށް ހުރީ 200 އެއްހާ ފްލެޓު ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެފްޑީސީން ބުނީ ޝެޑިއުލްކުރި ހުރިހާ ފްލެޓެއް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، ހަވާލުނުކުރެވި ހުރި ފްލެޓްތަކަކީ އެތަން ލިބުނު މީހުން އެދިގެން ހަވާލުކުރުން ފަސްކޮށްފައިވާ ފްލެޓުތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެއް އިމާރާތް ކޮށްފައިވާއިރު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ބޮޑު ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތަންތަނުގެ ކުލި ކުޑަކޮށްފައެވެ.
އެގޮތުން 2 ކޮޓަރީގެ ފްލެޓްތަކުގެ ކުއްޔަށް ދައްކަންޖެހޭ އަގުން 1000 ރުފިޔާ އުނިކުރެވި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ މިންވަރު 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކޮށްފައިވާއިރު 2 ކޮޓަރީގެ ފްލެޓްތަކުގެ އެޑްވާންސްޑް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ ވެސް 1 މަހުގެ ކުއްޔަށްވާ 6000 ރުފިޔާ ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ ކުރިން މެއިންޓަންސްއާއި ކުލި ހިމެނޭހެން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް ދައްކަން ޖެހެނީ 11،500 ރުފިޔާއެވެ. އެހެންނަމަވެސް އެ އަދަދު މިހާރު ވަނީ 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްޑް ޕޭމަންޓްގެ ގޮތުގައި ދައްކަން އޮތް 25،000 ރުފިޔާ 8،500 ރުފިޔާއަށް ކުޑަކޮށްފައެވެ.
