ދުންފަތުގެ ބާވަތްތަކުގައި ލޭބަލް ނުވަތަ ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިތުރު 6 މަސް ދީފިއެވެ.
މިދިޔަ ޖުލައި މަސްތެރޭ އުސޫލަށް ގެނައި ބަދަލުގައިވަނީ ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހުންނަންޖެހެނީ ހެލްތު މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ސިއްހަތުގެ އިންޒާރުގެ ނޯޓިސް ޖަހާފައިކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދުގެ ދަށުން، ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާ، ސިއްހަތުގެ އިންޒާރު ނުޖަހާ ހުރި ތުންފަތުގެ ބާވަތްތަކުގައި އެ އިންޒާރު ޖަހައި ރަޖިސްޓްރީކުރަން ދީފައިވާ މުއްދަތު މި މަހުގެ 28 ވަނަ ދުވަހަށް ހަމަވާއިރު އެޗްޕީއޭއިން މި ވަނީ އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްފައެވެ.
އެޗްޕީއޭ އިން ކުރި އިއުލާނެއްގައިވަނީ ސިއްހަތުގެ އިންޒާރު ޖެހުމަށް އަލަށް ކަނޑައަޅާފައިވާ ދުންފަތުގެ ބާވަތްތައް 28 ޖުލައިގެ ފަހުން ރާއްޖެ އަށް އެތެރެކުރެވޭނީ އަދި ވިއްކޭނީ އުސޫލުގައި ވާގޮތަށް ސިއްހަތުގެ އިންޒާރު ޖަހައިގެން ކަމަށެވެ.
އެގޮތަށް ސިއްހަތުގެ އިންޒާރު ނުޖަހާ ކުރިން އެތެރެކޮށްފައިވާ މިފަދަ ބާވަތްތައް ވެސް 27 ޖުލައިގެ ފަހުން ވިއްކުން މަނާވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން މިހާރު ސިއްހަތުގެ އިންޒާރު ނުޖަހާ އެތެރެކޮށްފައިވާ އެފަދަ ބާވަތްތައް 27 ޖުލައިގެ ކުރިން ވިއްކާ ނިންމުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
