ތިލަފުށީގައި ހަދާ ބަނދަރު، ޕްރައިވެޓް ސެކްޓަރަށް ވިއްކާލުން ރަނގަޅު ނަމަވެސް އެކަން ކުރަން ވާނީ ދެފުށް ފެންނަ ބިޑުކުރުމުގެ މަރުހަލާ އަކަށްފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް) އަށް ވިއްކަން އުޅޭކަމަށް މީގެ ކުރިންވެސް އަޑުތައް ފެތުރިފައިވާއިރު ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މި ފަދަ ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން އެ މަނިކުފާނުގެ ވެރިކަމުގައިވެސް ޑީޕީ ވޯލްޑް ކުންފުނިން ބަނދަރު ގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމަނިކުފާނާ ބައްދަލުކުރައްވާފައި ވާކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް ދެކޮޅު ހެއްދެވިކަން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ އެކަމުގެ ސަބަބުން އެމްޕީއެލްގައި މަސައްކަތް ކުރާ އެތައް ދިވެހީންނެއްގެ ވަޒީފާ ގެއްލިގެން ދާކަމަށެވެ. އަދި ބަނދަރު ހަވާލުކުރުމުން އެ މީހުން ރާއްޖެ ގެނެސް ބޭރުކުރާ އެއްޗެއް ވެސް ދިވެހީންނަކަށް ނޭނގޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ތިލަފުށީ ބަނދަރު ޑީޕީ ވޯލްޑަށް ދިނުމަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް އިންޑިއާގެ ޖީއެމްއާރަށް ދިނުން ފަދަ ކަމެއްގެ ގޮތުގައި ޔާމީން ސިފަކުރައްވާފައި ވާއިރު، ނަޝީދު ވަނީ އެކަމަށް ތާއީދު ކުރައްވާކަން ހާމަވާ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ ސަރުކާރުގެ 'ފުޅާ ޕްރައިވެޓައިޒޭޝަން' ޕްރޮގްރާމެއްގެ ވާހަކަ އަޑުއިވޭ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ޕޯޓަކާއި ދެ އެއާޕޯޓެއް ވެސް ހިމެނޭ ކަމުގެ ހަބަރުތައް ލިބިވަޑައިގެންފައި ވާކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ ޕްރައިވެޓް ސެކްޓަރުން އެ ހިދުމަތް ދިނުން މާ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ތިލަފުށީގައި ހަދާ ބަނދަރު ވިއްކާލަން އުޅޭ ކަމަށް ދައްކާ ވާހަކަތަކަށް އަދި މިހާތަނަށް އެމްޕީއެލް އިން ވެސް އަދި ސަރުކާރުންވެސް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.