ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފަރުވާ ހޯދަންދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރި އެތަނުގެ މުވައްޒަފުގެ ބަންދަށް އިތުރު 15 ދުވަސްޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި މުހައްމަދު ފަސީހު، 51، ފްލޮރިޑާ. ސ. ފޭދޫއެވެ.

އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީ، ނަހަމަ ގުޅުން ބާއްވާކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ބަންދަށް ޖަހާފައިވަނީ 15 ދުވަހުއެވެ. އަދި ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހި މުއްދަތު ހަމަވުމާއި ގުޅިގެން މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.